އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޭރުގެ އާގުބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ބޯޓަކީ ތުރުކީވިލާތުން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ.
"މޭސޯރާ" ނަމަކަށް ކިޔާ މި ކާގޯ ބޯޓުގައި ހުއްޓައި ބަލިވެފައިވަނީ ފިލިޕިންސް މީހެކެވެ. އުމުރުން 40 އަހަރުގެ އެމީހާގެ ބަލިވީ ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ. އެހެން ކަމުން ސިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރުއެވެ. މި ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމަބޭހެ އިދާރާތަކުގެ ހުއްދައާއެކު މިބޯޓް މިއަދު ލ.ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް، ކައިރި ކުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ މިއަދު ހެނދުނު 08:30 ހާއިރު ވަނީ ލ.ގަމަށް ގެންގޮސްދީފައެވެ. މި މީހާއަށް މިހާރު ފަރުވާދެމުންދަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.
މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.