ޤާނޫނުއަސާސީގެ އަސާސީ ސިފަތައް ގެއްލިގެން ނުވާނެކަމަށް ބުނާ ނަޒަރިއްޔާ ވުޖޫދަށް އައުމުގެ ސަބަބެއްކަމުގައިވާ ކޭސަވަނަންދާ ބަހާރަތީ ނިޔާވެއްޖެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން ކޮށްފައިވާ މި ޙުކުމާ ގުޅިގެން ވުޖޫދަށް އައި “ބޭސިކް ސްޓަކްޗަރ ޑޮކްޓްރީން”ގެ ނަޒަރިއްޔާއަކީ ދުސްތޫރި ގާނޫނީ ފަންނުގައި ފާހަގަ ކުރެވޭ ނަޒަރިއްޔާއެކެވެ. މި ނަޒިއްޔާއާއި މި ޙުކުމުގެ މައްޗަށް ބިނާކޮށް ތާއަބަދު އިންޑިއާގައި ހައްގުތަކާ ބެހޭ ޙުކުމްތަކުގައި ހަވާލާ ދެވެއެވެ.
މިއާއެކު މި ޙުކުމުގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގެ އަސާސީ ރޫހަށް ބަދަލު ނައަންނަ ފަދަ ބަދަލުތައް ގެނައުމަކީ ކުރެވިދަނެ ކަމެއްކަމަށެވެ.
މި ޑޮކްޓްރީންއިން އިންޑިއާގެ ޕާލަމެންޓުން ގާނޫނުއަސާސިއަށް ގެންނަ ބަދަލުތައް ބާތިލް ކުރުމުގެ ބާރު އިންޑިއާގެ ޖުޑިޝަރީއަށް ލިބި ދެއެވެ.
ނިޙުކުމްގައި ފާހަގަކޮށްފައިވަނީ، ޕލަމެންޓަށް ބޮޑެތި ބާރުތަކެއް ލިބިދިންކަމުގައިވިއަސް، ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ކުޅެލުމާއި، ހަލާކުކޮށް ބަދަލުކޮށްލުމުގެ ބާރު ނުލިބޭ ކަމަށެވެ.
އިންޑިއާ ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފައިވާ ކޭސާވަނަންދާ ބަހާރަތީ ކޭސްގައި ސުޕްރިމް ކޯޓުގެ ބެންޗްގައި ތިއްބެވީ 13 ފަނޑިޔާރުންނެވެ. ޙުކުމް ފާސްކޮށްފައިވަނީ 7 ފަނޑިޔާރުންގެ ތާއީދާއެކުގައެވެ. މިއިން ކޮންމެ ފަނޑިޔާރަކުވެސް އެބޭފުޅަކު މި މައްސަލައާ މެދު ދެކިވަޑައިގެންނެވި އުސޫލުތައް ލިޔުއްވިއެވެ.
ފާދިރީ ކޭސާވަނަންދާ ބަހާރަތީ އިއްޔެ ނިޔާވީ އޭނާގެ އާޝަރަމްގައި އުމުރުން 79 އަހަރުގައި ކެރެލާގެ ކާސަރްގޯޑްގައެވެ.
މި ދައުވާގައި ކޭސާވަނަންދާ ކޯޓަށް ހާޟިރުވެފައެއް ނުވެއެވެ. އޭނާގެ އާޝަރަމްގެ ބިންތައް ސަރުކާރަށް ނަގަން އުޅުމުން އެމައްސަލާގައި އޭނާގެ ފަރާތުން ދައުވާކޮށް ކޯޓަށް ހާޟ9ރުވީ، މުމްބައީގެ މަޝްހޫރު ގާނުނީ ވަކީލު، ނަނާބޯއި ޕަލްކީވާލާއެވެ. ވަކީލު ޕަލްކީވާލާ ނިޔައުވީ 2002ގައެވެ. އޭނާގެ ހަނދާނުގައި އިންޑިއާއިން ސްޓޭމްޕެއްވެސް ނެރެފައި ވެއެވެ.
ޕަލްކީވާލައަކީ އިންޑިއާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތް ކުރި ވަކީލެކެވެ،. އޭނާގެ މަސައްކަތް ކާމިޔާބު ވިކަން ފާހަގަވަނީ ކޭސާވަނަންދާ ބަހާރަތީ ކޭސްއިންނެވެ.
ކޭސާވަނަންދާ ބަހާރަތީއަށް، ޕަލްކީވާލާ ތަޢާރަފްކޮށްދެއްވީ މިހާރުގެ އިންޑިއާގެ ބަންޑާރަނާއިބްގެ ބައްޕަ، ގާނޫނީ ވަކީލް ކޭކޭ ވެނޫ ގޯޕާލްއެވެ.