ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ ލިޔުންތަކާއި ވީޑިއޯތައް ދިރާސާކޮށް، ތައްޔާރުވާން ކްރިމިނަލް ކޯޓުން އިތުރު ފުރުސަތެއް ދީފި އެވެ.

އެ ދެ ދައުވާ އަކީ ޓޫރިޒަމްގެ ބޭނުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާއެކެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވާން ބޭނުންވާ ގިނަ ލިޔުންތަކެއް އަދިވެސް ނުލިބޭ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ލިޔެކިޔުންތައް ހޯދުމަށް އެދި ދިފާއުން ފޮނުވި ސިޓީގެ ޖަވާބުގައި ދައުލަތުން ފޮނުވާފައި ވަނީ އެ ލިޔެކިޔުންތަކާ ގުޅޭގޮތުން ދައުލަތުން ދެކޭ ގޮތް ކަމަށެވެ.

ދައުވާގެ ދިފާއު ބިނާކުރަންވީ ގޮތް އެނގޭނީ ޕްރޮސިކިއުޓަރަށް ނޫން ކަމަށާއި، އެއީ ދައުވާ ލިބޭ ފަރާތުގެ ކޮނޑުގައި އޮތް ޒިންމާއެއް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

އެ މައްސަލާގައި ހިމެނޭ ވިއްސަކަށް ގަޑިއިރުގެ ވީޑިއޯ ބަލަންޖެހޭ ކަމަށާއި، މިހާތަނަށް ވީޑިއޯތައް ބަލަން އެކަށީގެންވާ ވަގުތު ލިބިފައި ނުވާތީ އެކަމަށް ވެސް އިތުރު ވަގުތު ދެއްވުމަށް ޑރ. ޖަމީލް އެދިވަޑައިގަތެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ދިފާއުން އެދުނު ލިޔުންތަކުގެ ތެރޭގައި ސިއްރު ކުރަން އެދިފައިވާ ލިޔެކިޔުންތަކެއް ހިމެނޭ ކަމަށެވެ. އަދި ސިއްރުކުރަން އެދުނު ލިޔުންތަކާއި މައްސަލަ ހުށަހެޅި ފޯމާއި މައްސަލައިގެ އިދާރީ ލިޔުންތަކުގެ އިތުރުން މައްސަލައިގެ ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ވަނަވަރުތައް ދެންހުރި ހުރި ހުރިހާ ލިޔެކިޔުންތައް ދައުވާ ރައީސް ޔާމީންގެ ވަކީލުންނަށް ލިބިފައިވާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.

ދިފާއުން އެދުނު ގޮތަށް، މައްސަލައިގެ ލިޔުންތައް ދިރާސާ ކުރަން އިތުރު 15 ދުވަހުގެ ފުރުސަތެއް ދޭން ނިންމެވިއެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 2:00 ގައި މައްސަލައިގެ ޝަރީއަތެއް ބާއްވަން ނިންމުމަށްފަހު އެވެ.