އެއީ ފުވައްމުލަކު ގެން މިސްކިތެވެ. އެ މިސްކިތު ވަޅު ހުންނަނީ ހަތަރެސްކަނަށެވެ. އިހުތިބީން ބުނެފައިވަނީ އެ މިސްކިތު ވަޅުގެ ހަތަރު ކަނުން ފެން ނަގައިގެން ރަހަ ބަލައިފިއްޔާ ލާނީ 4 ރަހަ ކަމަށެވެ.

އަޅުގަނޑު ވަރަށް ކުޑައިރު އެކަން ކުރީމެވެ. ހައެއްކަ ފަހަރު އެކަންކުރި އިރުވެސް ތަފާތެއް ނެތެވެ. އެއީ އެޒަމާނުގައި ދައްކާ ފުލޯކު ވާހަކައެވެ. އެފަދަ ވާހަކަތައް ފެތުރެނީ ކޮންމެވެސް މީހަކަށް ދިމާވާ ކަމެއް އާދަޔާ ޚިލާފު ކަމަކަށް ހަދައިގެން އެހެން މީހުން ލައްވައި އެކަން ގަބޫލު ކުރުވުމަށް ދައްކާ ވާހަކަތަކުގެ ސަބަބުން ފެތުރޭ ވާހަކަތައް ކަމަށް ވެދާނެއެވެ.

ގެން މިސްކިތު ވަޅުން ފެންބޮއިފިތަ؟ އެމީހަކު އެރަށަށް ހިތްޖެހި ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް ވެސް އެރަށަށް ނުގޮސް ނުހުރެވޭނެ ކަމަށް ވެސް އިހުގައި ކިޔައި އުޅުނެވެ. އެކަހަލަ އެތައް ވާހަކައެއް ފުވައްމުލަކު ތާރީޚާ ގުޅިފައިވެއެވެ. އެގޮތުން ފުވައްމުލަކު މޫދުގައި އޮންނަ ދެ ގަލެއްގައި ހަތިޔާރަކުން ޖެހުމުން ލޭ އަންނަ ކަމަށް ދެކެވޭ މަޝްހޫރު ވާހަކަ ހިމެނެއެވެ. ދޫދޫމަތީން އައިފައިވާ ގޮތުގައި އެ ދެގަލަކީ ގައު ވެފައިވާ ދެ ފުރޭތައެވެ.

ގެން މިސްކިތަކީ ރާއްޖެ އިސްލާމްވުމަށްފަހު ފުވައްމުލަކުގައި އެޅި ފުރަތަމަ މިސްކިތް ކަމަށް ބުނެވެއެވެ. މިސްކިތުގެ ކުޑަކަމާއި ޖާގައަށް ބަލާއިރު އޭރު އެރަށުގެ ނުވަތަ މިސްކިތް ހުންނަ އަވަށުގެ އާބާދީގެ މަދުކަން އެނގިގެންދެއެވެ.

ގެން މިސްކިތް ބިނާކުރެއްވި ކަމަށްވަނީ އިސްލާމްދީނަށް ގޮވައިލައްވަން އެރަށަށް ވަޑައިގެންނެވި އަބޫބަކުރު ނާއިބު ކަލޭގެފާނެވެ. އޭނާ ފަސްދާނު ލެވިފައިވަނީ ވެސް އެ މިސްކިތު އިރުމަތީ ފަރާތުގައި ހުރި ބިސްތާނުގައި ކަމަށް ވެއެވެ.