މެޗުގެ 82 ވަނަ މިނެޓުގައި ކޮލަމްބިއާގެ އަނާ މާރިއާ ގުޒްމަން ސަޕަޓާ އަތުން ބައިކޮޅަށް ވަން ލަނޑުން 1-0 އިން މޮޅުވެ ސްޕެއިނުން 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕް މިރޭ ކާމިޔާބު ކޮށްފިއެވެ.

މިއީ 2008 ވަނަ އަހަރުން ފެށިގެން އަންނަ މިމުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދި ދެވަނަ ފަހަރެވެ. މުބާރާތުގެ މޮޅު ކުޅުންތެެރިޔަކަށް މިފަހަރު ހޮވުނީ ސްޕެއިނުގެ ވިކީ ލޮޕޭޒެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ސްޕެއިނުގެ ސޯފިއާ ފައުންޓޭއެވެ.

ޖަރުމަނު ބަލިކޮށް މުބާރާތުގެ ތިންވަނަ މަގާމް ހޯދީ ނައިޖީރިޔާއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ޖަޕާނެވެ.

މިފަހަރު 17 އަހަރުންދަށުގެ ވޯލްޑް ކަޕް ބާއްވާފައި ވަނީ އިންޑިޔާގައެވެ. އިންޑިޔާ ހިމެނިގެން 16 ގައުމު މުބާރާތުގައި ވާދަކުރިއިރު މެޗްތައް ކުޅެފައި ވަނީ 3 ދަނޑެއްގައެވެ. ތަފާސް ހިސާބުތަކުންް ދައްކާ ގޮތުން މެޗަކަށް 5،806 ސަޕޯޓަރުންގެ ރޭޓުން ކުޅިބަލަން ދަނޑަށް ވަނީ ވަދެފައެވެ.