މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް އެޕާޓީން ފޯރިއާއެކު ކުރިއަށް ގެންދާ ކަމަށް އެޕާޓީން ބުނެފިއެވެ. އެމްއެންޕީއިން ބުނީ އެމަސައްކަތުގެ ތެރެއިން އެކިދާއިރާތަކުގެ ތަފާތު ހުނަރުވެރީން ގެންދަނީ ޕާޓީއަށް ސޮއިކުރަމުން ކަަމަށެވެ.

އެންމެފަހުން އެޕާޓީއަށް ސޮއިކުރި ހުނަރުވެރިއަކީ އަރަމުން އަންނަ ފިލްމީ ތަރި މުޙައްމަދު ވިޝާލް (ރޯމަން) އެވެ. އޭނާގެ އިތުރުން ވެސް އެތައް ބަޔަކު ވަނީ އެޕާޓީއާ ގުޅިފައެވެ.

އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވަނީ އެމްއެންޕީ އުފެއްދީ ރައްޔިތުންނަށް ޚިދުަތް ކުރަން ކަމަށެވެ. އެ ޚިދުމަތް ކުރުމަށްޓަކައި ޕާޓީ ވެރިކަމަށް އަންނަން ޖެހެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަވެރި ޕާޓީތަކާ ފުރިހަމައަށް ވާދަކޮށް އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ޕާޓީއަށް އެއް އަހަރު ފުރުނުއިރު އެޕާޓީގެ މެންބަރުންގެ އަދަދުވަނީ އަށްހާހަށްވުރެ އިތުރުވެފައެވެ. 31 ޖުލައި 2022ގެ ނިޔަލަށް ޕާޓީގައި މެންބަރުން ތިބި އަދަދަކީ 8129 އެވެ. މެންބަރޝިޕް އިތުރު ކުރުމަށް އެމްއެންޕީން ގެންދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.