އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2022 "މިއަދު ފަށައިފިއެވެ. މި ޕްރޮމޯ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކަށަވަރު ޝޯރޫމްގައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ކަމަށް އެމްޓީސީސީން ބުންޏެވެ. މިއަދު އިފްތިތާޙު ކުރެވުނު ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް ވެސް އެކުންފުނީން ބުންޏެެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއާރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބެޑާ ފައިބަރު ސާމާނު، މަރޮލް ސްޓީރިންގ ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްތަކެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 2.5 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ޔަންމާ 35 ހޯސްޕަވަރުގެ 4JHYE މޮޑެލްގެ އިންޖީނެއް ވެސް ލިބޭނެއެވެ.

"ކަށަވަރު ޕްރޮމޯ 2022 "ޓާރގެޓް ކުރަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖީ ނިއަރުންނާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސެކްޓަރ ގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރު، ހުޅުމާލެ، ވިލިމާލެ، އަދި ތިލަފުށީގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި، ރ. އަލިފުށި، ރ. ވާދޫ، ތ. ހިރިލަންދޫ، ދ. ކުޑަހުވަދޫ، އަދި އއ. އުކުޅަހަށް ޒިޔާރަތްކުރުން ހިމެނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް މި ކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ގެންދިއުން ކަމަށް އެކުންފުނީން ބުންޏެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕްރޭޓިން އޮފިސަރ ޝާހިދު ޙުސައިން މޫސާއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.