ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އަލީ އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތަޣައްޔަރުކޮށް ކިލަނބު ކުރަން ސަރުކާރުގެ ތެރެއިން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ސަރުކާރުގެ ސީނިއާ ވަޒީރުކަމަށް ހެދިގެން ތިބެގެން ރައްޔިތުންގެ މަޖިލިސްތެރެއަށް އަތްބާނައިގެން ކަންތައްތައް ކުރުމަށް މަސައްކަތް ކުރާކަމަށެވެ.

" ރައްޔިތުންގެ މަޖިލީސް، މަޖިލީހުގެ ގޮތުގައި ހިންގުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދީ، ރަބަރު ސްޓޭމްޕް ޖަހާ ތަނަކަށް މިމަޖިލިސް ބަދަލުވެގެން ގޮއްސިއްޔާ ރައްޔިތުންނަށް ހިތްހަމަޖެހުމެއް އުފަލެއް ނެތް" އާޒިމް ވިދާޅުވިއެވެ.

ސަރުކާރު ވިޔަފާރި ތެރެއަށް ވަނުން އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށާއި، ބިލު ސަރުކާރުން ފޮނުވިގޮތަށް ފާސްވެގެންދިއުމަކީ އެމްޑީޕީގެ ބައެއް މެންބަރުން ދެކޭގޮތުގައި ކުރަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

" އަޅުގަނޑުގެ އެންމެބޮޑު އެއްކަންބޮޑުވުމަކީ، ކުރިންވެސް މަޖިލީހުގެ ތަޅުމުގައި ފާހަގަކުރިގޮތަށް މުޅި މިބިލުގައި އެބައޮތް އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ ވިސްނުން. އެހެންނަމަވެސް އަމިއްލަ ފަރާތަކަށް މިވިޔަފާރިއަށް ވަނުމުގެ ދޮރުތައް ހުރީ ވަރަށްބޮޑަށް ބަންދުކުރެވިފަ. އަޅުގަނޑު އިސްލާހު ހުށަހެޅިން ރައްޔިތުންނަށް ޑިވެލޮޕަރ އެއްގެ ގޮތުގައި ފަސޭހައިން ވަދެވޭނެގޮތެއް ހަދަން" އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހާއި ކޮމިޓީތަކުގައި އޮންނައިރު، އާޒިމް ހުށަހެޅުއްވި އިސްލާހުތައް ފާސްނުވުމުގެ ކަންބޮޑުވުން އާޒިމްވަނީ ތަކުރާރުކޮށް މިއަދުގެ ޖަލްސާގައި ފާޅުކުރައްވާފައެވެ.