ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓު ނަގަން ޖެހޭ ދާއިރާތަކާއި ރަށްރަށުގެ ވޯޓު ނެގުން ކުރިއަށް ގެންދާނީ މިމަހު 5 ވާ ހޮނިހިރު ދުވަހު ކަމަށް އެކޯލިޝަނުން ބުނެފިއެވެ. ވޯޓުނެގުން އެދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ. ހަވީރު 4:00 އާއި ހަމައަށް ވޯޓު ލުމަށް ކިއުގައިޖެހޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުޞަތު ދެވޭނެ ކަމަށްވެސް ކޯލިޝަނުން ބުނެފައިވެއެވެ. އޭގެ ފަހުން އިތުރު އެއްވެސް ފަރާތަކަށް ކިއޫއާ ގުޅުމުގެ ފުރުޞަތު ނުދެވޭނޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި އިންތިޚާބުގައި ވޯޓު ދެވޭނީ އެ ކޯލިޝަންގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާރސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަނި ކަމުގައިވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. ވޯޓު ލާން އަންނަ މީހާ އަކީ ކާކުކަން އަންގައިދިނުމަށް ގެންނަ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް ވޯޓު ލުމުގެ ފުރުޞަތު ދެވޭނޭ ކަމަށް ވެސް ބުންޏެވެ.

ރަށްރަށުގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު މެންބަރުންނަށް ފޯރުކޮށްދޭނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީން ކަމަށާއި، ހުޅުމާލެ އަދި ވިލިމާލެ ދާއިރާ ފިޔަވައި މާލޭގެ ދާއިރާ ތަކާއި، ރަށްރަށުގެ މީހުން މާލޭގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހެންވެއިރު ދަނޑުގައި ކަމަށް ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުންޏެވެ.

ވިލިމާލޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ ޔޫތު ސެންޓަރު ހުޅުމާލޭ ވޯޓު ފޮށި ހުންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލުގައި ކަމަށް ވެސް ބުނެފައިވެއެވެ.