ގައުމަށްޓަކާ ގުރުބާން ވެއްޖެ ކޮންމެ މީހަކަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި އޭގެ ބަދަލު ދެއްވާނޭ ކަމަށް އެޕާޓީގެ ރައީސް އަދި ދަގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު މިނިވަންކަމާއެކީ ދިވެހީންނަށް މިތިބެވެނީ ނޮވެމްބަރު ތިނެއްގައި ސިފައިންވި ގުރުބާނީގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް އެދުވަހު ރާއްޖެއަށް ހަމަލާދިން ޓެރަރިސްޓުންނާ ހަނގުރާމަކޮށް ގައުމު ސަލާމަތްކޮށްދެއްވި މީހުންގެ ތެރެއިން މިއަދު ދުނިޔޭގައި ތިބި މީހުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މީހުން ދިރިއުޅޭނޭ ތަނެއްވެސް މިހާރު ނެތްކަމަށެވެ. އޭގެ އިތުރުން އެމީހުންނާމެދު އެއްވެސް އޯގާތެރިކަމެއް ވެސް ނެތްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވާނީ މެޑަލެއް ޖަހައިގެން ހާލުގައި އުޅެންތޯ؟ އަޅުގަނޑުމެންގެ ޒުވާނުންނަށާއި އަޅުގަނޑުމެންގެތެރޭގައި ތިބި މީހުންނަށް އަޅުގަނޑުމެން މިއަދު ވިސްނައިދޭންވީ ގައުމަށްޓަކައި ގުރުބާން ވެއްޖެނަމަ އޭގެ ބަދަލު އަޅުގަނޑުމެންގެ ސަރުކާރެއްގައި ދޭނެކަން." ނާޒިމް ވިދާޅުވިއެވެ.

މި ޖަލްސާގައި ނާޒިމް ވަނީ ނަސްރުގެ ދުވަސްފާހަ ކުރަމުންދާއިރު ރައްޔިތުންގެ ތެރެއިން ގައުމިއްޔަތު އޮތީ ކިތައް މީހުންގެ ހިތުގައިތޯ ސުވާލު ކުރައްވައިފައެވެ. މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ގައުމިއްޔަތު ހިތްތަކަށް ގެނެސް ދިރުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިދުވަސް ފާހަގަ ކުރުމުގެ އެއް ބޭނުމަކީވެސް ގައުމިއްޔަތު ދިރުވައި އާލާކުރުން ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުން މިއަދު ބަދަލުވާންވީ ވަތަނީ ބަޔަކަށް ކަމަށާއި ގައުމަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއް ފަސްނުޖެހި ކުރަންކެރޭނޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.