ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާހުތަކަކީ ބަޖެޓަށް ފައިސާ ހޯދަން ގޮތް ހުސްވެގެން ގެނައި އިސްލާހުތަކެއްކަން ޤަބޫލު ކުރަންޖެހޭ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

"މިބިލުން ވަރަށްބޮޑު ތަފާތު ކުރުންތަކެއް ރާއްޖޭގެ ދެކޮޅަށް އެބަގެނޭ. އައްޑޫ ސިޓީގެ ތަރައްޤީއަށް މިބިލުން މާބޮޑު އަސަރުތަކެއް ނުކުރާނެ ކަމަށް އައްޑޫގެ އިއްޒަތްތެރި މެންބަރުން އެވިދާޅުވީ. ތިލަދުންމައްޗާ ރާއްޖޭގެ ދެކުނާއި ރެންޓްގެ ތަފާތުތަކެއް އެގެނައީ ކޮންގޮތަކަށް ވިސްނައިގެން ކަމެއް ބުނެދޭނެ އެކްސްޕާޓެއް މިބިލު ދިރާސާކުރިއިރު ނެތް" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ދިވެހިރައްޔިތުން ކަންނެލިދޯނި ބަންނަނީ އެތައް ޒަމާނަކު މަސައްކަތްކޮށްގެން ކަމަށާއި، ބޭންކަށް ގޮސް ދަރާ ވިކިގެން ކަމަށެވެ. އެހެންނަމަވެސް އެހެން ޤައުމެއްގެ މީހަކު 250،000 އެމެރިކާ ޑޮލަރު ދިވެހިރާއްޖޭގައި އިންވެސްޓްކޮށްފިއްޔާ ދޭން މިއުޅެނީ ދެވަނަ ގެއެއް ރާއްޖޭގައި ހެދުމުގެ ފާހެއް ކަމަށެވެ.

"އެއަށް ތިޔަ ވިދާޅުވަނީ ހޯމްސްޓޭއޭ. ރީތި ނަމެއް ކިޔާފަ. އޭގެ ބޮޑު ޖަމާއަތެއް ގެންނަން ހުޅުވާލެވޭ ފުރުސަތެއް މިއީ" ސައީދު ވިދާޅުވިއެވެ.

ސައީދުގެ ވާހަކައަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ ހިފައިގެން ބަޔަކު ގޮސްދާނެތީ، ބިރުވެރިކަމެއްގައި ވަރަށް ޒަމާންވަންދެން ދިވެހިރާއްޖެ އޮވެއްޖެ ކަމަށާއި، އެއްޗެއް ކެވޭނެގޮތެއް ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަމަށެވެ.