ޗެނަލް ތޭރައިން ގެނެސްދޭ ޑިސީލަ ޕްރޮގްރާމުގައި ވަކި ކެންޑިޑޭޓުން ޕްރޮމޯޓްކޮށް ކެމްޕެއިން ކުރާ ކަމަށާއި އެއީ ބަލައި ގަނެވޭނޭ ކަމެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ޗެނަލް 13 ގެ މަޑިސީލަ ޕްރޮގްރާމުގައި މިކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ވާދަ ކުރާ ވަކި ކެންޑިޑޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކުމަކީ މިކޯލިޝަން އަދި މިކޯލިޝަންގެ ލީޑަރޝިޕް ބަލައިގަންނަ ކަމެއް ނޫނެވެ."

މާދަމާ އޮންނަ އެ ކޯލިޝަންގެ ދާއިރާގެ އިންތިޚާބުގައި ކޯލިޝަންގެ ވެރިންގެ ތެރެއިން އެއްވެސް ވެރިއަކު އެ އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދައިދިނުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރައްވާނޭ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިއިންތިޚާބުގެ ވޯޓުނެގުން އޮންނާނީ ނޮވެމްބަރ ފަސްވަނަ ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. ހަވީރު 4:00 އާއި ހަމައަށް ވޯޓު ލުމަށް ކިއުގައިޖެހޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުޞަތު ދެވޭނެ ކަމަށް ކޯލިޝަނުން ބުނެފައިވެއެވެ. އޭގެ ފަހުން އިތުރު އެއްވެސް ފަރާތަކަށް ކިއޫއާ ގުޅުމުގެ ފުރުޞަތު ނުދެވޭނޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި އިންތިޚާބުގައި ވޯޓު ދެވޭނީ އެ ކޯލިޝަންގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާރސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަނި ކަމުގައިވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. ވޯޓު ލާން އަންނަ މީހާ އަކީ ކާކުކަން އަންގައިދިނުމަށް ގެންނަ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް ވޯޓު ލުމުގެ ފުރުޞަތު ދެވޭނޭ ކަމަށް ވެސް ބުންޏެވެ.