އިންޑިއާގެ ބައިމަދު ނަސްލުތައް، ޚާއްސަކޮށް އިންޑިއާގެ މުސްލިމުންގެ ހިމާޔަތާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕާކިސްތާނުން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ.

ހަމަ އެއާއެކު، މުސްލިމުން އަޅުކަންކުރާ ތަންތަން ހިމާޔަތްކޮށް ދިނުމަށްވެސް ޕާކިސްތާނުން ގޮވާލާފައި ވެއެވެ.

ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއާއި، ބައިނަލްއަގްވާމީ އެހެނިހެން ނިންމުންތަކާއި، އިސްލާމީ ގައުމުތައް ހިމެނޭ ޖަމްޢިއްޔާ، އޯއައިސީގެ ނިންމުންތަކަށް ފުރިހަމައަށް އިހްތިރާމްކޮށް، އިންޑިއާގެ ބޮލުގައި އެޅިފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ޕާކިސްތާނުން ގޮވާލާފައި ވެއެވެ.

މިކަންކަމަށް ޕާކިސްތާނުން މި ގޮވާލީ، އިންޑިއާގެ އަޔޯދިޔާގައި ހުރި މުސްލިމުންގެ 16 ވަނަ ގަރުނުގެ މިސްކިތް، ހިންދޫ ހަރުކަށި ގްރޫޕެއްގެ ބަޔަކު ތަޅައި ސުންނާފަތި ކޮށްލިތާ 28 އަހަރު ފުރުމާ ދިމާކޮށް ޕާކިސްތާނު ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައެވެ.

މިކަމަކީ، މިހާރު ވެރިކަމުގައިއޮތް ބީޖޭޕީގެ ކިބައިން ހިތްވަރު ލިބިގެން ހިންދޫ ވަތަނީ ހަރުކަށި ޖަމާއަތަކުން ކުރި ކަމެއް ކަމަށް ބުނެފައި ވެއެވެ.

ބާބްރީ މިސްކިތް ތަޅާލި ހާދިސާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހަމަތަކާއި، އުސޫލުތަކާ ޚިލާފަށް ހިންގާފައިވާ ޖަރީމާއެއް ކަމަށްވެސް ޕާކިސްތާނުން ބުނެފައި ވެއެވެ.

އިންޑިއާގައި ހުރި އިސްލާމީ ތަރިކަތައް ހިންދޫ ހަރުކަށި މީހުންގެ ކިބައިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް، އދއާއި، ބައިނަލްއަގްވާމީ މުޖުތަމައުގެ ކޮނޑުގައި އެޅިފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށްވެސް ޕާކިސްތާނުން ގޮވާލާފައި ވެއެވެ.

1992 ވަނަ އަހަރު ބާބްރީ މިސްކިތް ތަޅާލި ހާދިސާއަކީ މުސްލިމުންގެ ހިތްތަކުގައި މިއަދުވެސް އިހަށްދުވަހު ހިނގި ކަމެއްފަދައިން އާވެ އާލާވަމުންދާ ކަމެއް ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ.

އަދި ބާބްރީ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި ހިންދޫންގެ ބުދުފައްޅިއެއް އެޅުމުގެ މަސައްކަތަކީ ބީޖޭޕީން މުޅި އިންޑިއާ ހިންދޫކުރުމަށް ކުރާ ކެމްޕެއިންގެ ބައެއް ކަމަށާއި، އެހެ ންނަމަވެސް، ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީ ކަމަށް ދައުވާކުރާ އިންޑިއާގެ މޫނުމަތިން ބާބްރީ މިސްކިތުގެ ލަކުނު ދުވަހަކުވެސް ފިލައި ނުދާނެ ކަމަށް ޕާކިސްތާނު ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.