މާލޭ އަތޮޅުން ފެށީގެން އައްޑޫ ސިޓީއާ ދެމެދު ހިމެނޭ އަތޮޅުތަކުގެ ރަށްރަށަށް މިއަދު އުދައަރައިފާނޭ ކަމަށް މޫސުމާބެހޭ އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލުގެ މުއްދަތަކީ ހެނދުނު 8:45 އިން މެންދުރު 1:30 އަށެވެ. މިހާރުވެސް މާލޭގެ ބައެއް ހިސާބުތަކަށް އުދައަރަމުންދެއެވެ. މިއީ އެންމެ ދިޔަބޮޑުވާނޭ ވަގުތެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ރަށްރަށަށް މިގޮތަށް އުދައަރައި ބޮޑެތި ގެއްލުންތައް ވަނީ އެރަށްރަށަށް ވެފައެވެ. އެގޮތުން ދަނޑު ބިންތަކަށް ލޮނުވަދެ އެތަންތާގައި ހައްދާފައިވާ ތަކެތި ހަލާކުވުމާއި ގޯތިތަކާއި ގޭތެރެއަށް ލޮނުވަދެ ބޮޑެތި ގެއްލުންވުން ހިމެނެއެވެ.

މިއީ ދިޔަވަރުބޮޑުވާ ދުވަސްތަކުގައި ރާއްޖޭޭގެ ރަށްރަށަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. އެހެންކަމުން ސަރުކާރުން ގެންދަވަނީ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.