ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް މިއަދު ފަށްޓަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެސިޓީގެ ފޭދުއަށް ކަމަށް ޕީޕީއެމުން ބުނެފިއެވެ.
"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީކެންޑިޑޭޓް ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން މިއަދު މެންދުރު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ. މިއަދު ވަޑައިގަންނަވާނީ އައްޑޫ ސިޓީ ފޭދުއަށް،" ޕީޕީއެމުން ބުނެފައިވެއެވެ. ރައީސް އައްޑުއަށް ކުރައްވާ ދަތުރުފުޅުގެ ކަވަަރޭޖު މިއަދު 1:30 އިން ފެށިެން ޗެނަލް 13 އިން ކުރިއަށް ގެންދާނޭ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.
މިދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ރައީސް ޔާމީން ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ނޮވެމްބަރ 9 ވަނަ ދުވަހު އެވެ. ވަކި ޕާޓީއެއްނެތި އެންމެހާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.