މީހުން ދައްކާހާ ވާހަކައަކަށް ނުވަތަ ފަތުރާހާ ދިގު ޚަބަރަކަށް ފެނަކަ ވަގުތީ ގޮތުން ވެސް ނުހުއްޓޭނޭ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ އެކުންފުންޏާ ބެހޭ ގޮތުން ފަތުރާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތްކަމަށް އެފަދަ ފަރާތްތަކަށް ވެސް އެނގޭ ކަމަށެވެ.

"ފެނަކައިން ހުރިހާކަމެއް ކުރަމުންދާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން. މިއީ ކޮރަޕްޝަނާއި ވައްކަމާ ދެކޮޅު ކުންފުންޏެއް. އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. ޚިދުމަތް ދިނުމުގައި ފެނަކަ ފަހެއް ނުޖެހޭނެ. ރައްޔިތުންނަށް ދިމާވާ ދަތިކަން ހައްލު ކޮށްދިނުމުގައި އެންމެ ސިކުންތެއް ލަސްވުމަކީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން. އެހެން ކަމުން ރައްޔިތުންނާއެކު ކުންފުނިދާނީ ކުރިއަށް،" ސައީދު ވިދާޅުވިއެވެ.

ފެނަކައަކީ މިހާރުވެސް ރައްޔިތުންނަށް އެތައް ޚިދުމަތްތަކެއް ދެމުންގެންދާ ޚިދުމަތްތެރި ކުންފުންޏެކެވެ. ކަރަންޓާއި ފެނާއި، ނަރުދަމާއަކީ އެކުންފުނީން ދެމުން ގެންދާ ޚިދުމަތްތަކެވެ. އޭގެ އިތުރުން މިފްކޯއިން ކުރިން ހިންގަމުން ގެންދިޔަ އައިސްޕްލާންޓުތައް ވެސް މިހާރު ހިންގަނީ ފެނަކައިންނެވެ.