މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި އަވަށްޓެރި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމަކީ ދިވެހި ދައުލަތަށް ބޭވަފާތެރިވުން ކަމަށް ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.އ

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "سبحان الله ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ވީ ދިވެހިރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްޘީލުކުރަންގޮހޯ.ކޮބައިތޯ ދިވެހި ގައުމު؟ ކޮބައިތޯ ދިވެހި ދައުލަތަށް ވަފާތެރި ވުމަކީ؟"

މި ބައްދަލުވުމުގައި ރައީސް ނަޝީދު ހޮނިހިރު ދުވަހުން ފެށިގެން ބުދަދުވަހުގެ ނިޔަލަށް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޑރ، މުނައްވަރު ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށެވެ. ގާނޫނު ހަދާމަޖިލީހުގެ އެންމެ އިސްވެރިޔާ ރާއްޖެ ފިޔަވައި އެހެން ގައުމެއް ރާއްޖެއިން ބޭރުގައި ތަމްސީލް ކުރުމަށް ވަޑައިގެންނެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ގައުމަށް ވަފޭތެރިވުމަށް ރައީސް ނަޝީދު ކުރައްވާފައިވާ ހުވައާ ބެހޭގޮތުން ވެސް ޑރ. މުނައްވަރު ވަނީ ސުވާލު ކުރައްވައިފައެވެ. "ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް. މީހާރުން މިހާރަށް އޭނާ ވަކިކުރަން ޖޭހޭ ނޫންތޯ މަޖިލިސް މެންބަރުކަމުން," މުނައްވަރު ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއުއެއްްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ރާއްޖެ ފިޔަވައި އެހެން ގައުމެއް ތަމްސީލް ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް، އެއީ މަޖިލީސް ރައީސް ކަމަށްވިޔަސް، އެއްވެސް ދައުލަތެއްގެ އެއްވެސް ވަޒީފާއެއް (މެމްބަރ ކަން ފިޔަވައި) އަދާ ކުރުމަށް ގާނޫނު އަސާސީ ތަނެއް ނުދޭ،،" ކަމަށެވެ. މި ޓުވީޓާ ގުޅިގެން މީހަކު ވަނީ "ޤައުމެއް ތަމްސީލް ކުރުމަށް ލިބޭ ފުރުސަތަކީ ވަޒީފާ އެއްކަމަށް ބެލެވޭ ހަމައަކީ ކޮބައިތޯ" ބުނެ ސުވާލު އުފައްދާފައެވެ.

ނަޝީދު މިސްރުގެ ޝަރަމުއްޝައިޚަށް ކުރައްވާ މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.