ކްލައިމެޓް އިމްޕްލިމެންޓޭޝަން ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މިއީ މިޞްރުގެ ރައީސް، ޢަބްދުލް ފައްތާޙް އަލް ސީސީ އިންތިޒާމުކުރައްވައި ބޭއްވެވި ސަމިޓެކެވެ.ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ކުރިއަށް ގެންދަނީ މިޞްރުގެ ޝަރްމުއްޝެއިޚްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިއަދުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށާއި ދުނިޔޭގެ މޫސުމާގުޅޭ ކަންކަމުގައި ރާއްޖެއިން ވަކާލާތުކުރަމުން އަންނަކަންކަން ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.