މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހު 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި އެކަމުގެ ހުއްދަ ދެއްވިިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކަށް ޓުއަރިޒަމް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސް ފަހުން އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.