ދިވެހިރާއްޖޭގައި އެންމެފުރަތަމަ 1932 ވަނަ އަހަރު އެކުލަވާާލި ޤާނޫނު އަސާސީން ފެށިގެން ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއާ ހަމައަށް ޗާގޯސް (ފޯޅަވަހި) އަކީ ރާއްޖޭގެ ސަރަހައްދެއްކަން ނުވަތަ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ރަށްތަކެއްކަމަށް ކަނޑައަޅާފައި ނުވާކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނުކުފާނު މިހެން ވިދާޅުވީ ޗާގޯސް މައްސަލަ ބޮޑު މައްސަލައަކަށްވެފައިވަނިކޮށް ނޫސްވެރިން މެދުވެރިކޮށް އެ މައްސަލަ ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވުމަށް ރައީސް އޮފީހުގައި ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރާއްޖޭގައި މިހާތަނަށް އެކުލަވާލި ހުރިހާ ޤާނޫނުއަސާސީތަކާ ހަވާލާ ދެއްވައި ޢަބްދުﷲ ޝާހިދު ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް އެއިން އެއްވެސް ޤާނޫނު އަސާސީއަކު ލިޔެފައި ނުވާކަމަށެވެ.

ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ކަނޑައެޅުމަށް އެންމެފަހުގެ ފުރުސަތު ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ޗާގޯސް މައްސަލަ އިސްތިއުނާފްކުރުމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައެޅުމުގެ ފުރުސަތު ރައީސް ޔާމީންގެ ވެރިކަމުގައި ލިބިވަޑައިގެންންވި ކަމަށްވިޔަސް އެކަން އެގޮތަށް ކުރައްވާފައި ނުވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މިސަރުކާރުން އަބަދުވެސް ޤާނޫނު އަސާސީއަށް އަމަލު ކުރައްވާނޭ ކަމަށެވެ. ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަށް އުނިކަމެެއް ނުވަތަ ދެރަގޮތެއް ވެދާނޭ އެއްވެސް ކަމެެއް މިސަރުކާރުން ނުކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ އޮކްޓޯބަރ 21 ވަނަދުވަހު މޮރީޝަސްގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެންނެެވި ކަމަށާއި އެ ދަތުރުގައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދާ ބައްދަލުކުރެއްވި ކަމަށް ވެސް ޝާހިދުު ވިދާޅުވިއެވެ. އެ ބައްދަލު ކުރެއްވުމުގައި ޗާގޯސްއަކީ މޮރީޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް އޭރުގެ ފޮޮރިންމިނިސްޓަރ ގެ ހައިސިއްޔަތުން ޑރ. އަޙްމަދު ޝަހީދު ވަނީ އެއްބަސްވެ ވަޑައިގެންފައި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މި މައްސަލާގައި ރާއްޖެއިން ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ވެސް ވާހަކަ ދައްކާފައި ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.