އިސްލާމީ ތައުލީމަކީ ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ދައްކުވައިދޭ އަލިގަދަ ދަންމަރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ރާއްޖެއަކީ ތަރައްގީއަށްޓަކައި ދަތުރުކުރަމުންދާ ގައުމެއް ކަމަށެވެ. އެފަދަ ގައުމަކަށް އިސްލާމީ ތައުލީމް ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

"ތަރައްގީވެފައި އޮތް ގައުމަކަށް ރާއްޖެ ވުމަށް ކުރާ ދަތުރުގައި އިސްލާމީ ތައުލީމް ވަނީ ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ދައްކުވައިދޭ އަލިގަދަ ދަންމަރަކަށް،"
އުމަރު

ކުރިއަށަ އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެ ރަނގަޅު އެހެން މިސްރާބަކަށް ގެންގޮސްދެއްވާނޭ ކަމަށެވެ. އެގޮތުން އެ ވެރިކަމުގައި އަރަބި ތައުލީމަށް އިސްކަންދެއްވައި ވަސީލަތްތައް ގާއިމް ކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި އަރަބި ރަސްމީ ތައުލީމަށް އިސްކަންދޭވޭނެ. ވަސީލަތާއި އިމާރާތާއި ޓީޗަރުންނާއި މިފަދަ ކަންކަން ހަމަޖައްސައި ދެވޭނެ،"
އުމަރު

އުމަރު މިހެން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް އިހުތިރާމް ކުރައްވައި ވެރިކަން ލިވަޑައިގެންފިނަމަ އެ މައްސަލަތައް ހައްލުކޮށްދެއްވާނޭ ކަމުގެ ޔަގީންކަން ބެލެނިވެރީންނަށް ދެއްވުމުގެ ގޮތުންނެވެ.

އުމަރު ވިދާޅުވެފައިވަނީ އަރަބިއްޔާއާ ދޭތެރޭ މި ސަރުކާރުން މިއަދު އަމަލުކުރާ ސިޔާސަތު ވަނީ މީގެ 17 އަހަރު ކުރިން ހާމަވެފައި ކަމަށެވެ. އެދުވަހު އެކަން ކުށްވެރި ކުރި ގޮތަށް މިއަދުވެސް އެ ސިޔާސަތު ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އަރަބިއިސްލާމީ ތަޢުލީމުގެ ސަބަބުން އަޚްލާގު ރަނގަޅު، ހެޔޮލަފާ ޖީލެއް އުފެދޭނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަރަބިއްޔާ ސްކޫލްގެ މައިންބަފައިން ކުރަމުންދާ މަސައްކަތަށް ކާމިޔާބަށް އެދި ވަޑައިގަންނަވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.