ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރު މިއަދު ހުޅުވައިފިއެވެ. އެސެންޓަރު ހުޅުވައިދެއްވީ އެކުންފުނީގެ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާޙީމް މުޙައްމަދު ދީދީ އެވެ.

މި ސެންޓަރު ހުޅުވުމަށްފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެތަނަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެއްކަމަށެވެ. އެހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދިނުމަށް މުވައްޒަފުންގެކިބައިން އެމްޑީ އެދިވަޑައިގެންނެވިއެވެ.

މި ސެންޓަރަކީ ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙްގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރާ މާޙައުލެއް ހޯދާދިނުމުގެ ގޮތުން ޤާއިމްކުރެވުނު ތަނެއް ކަމަށް ސެޓެލްކޯއިން ބުންޏެވެ.

އެސެންޓަރުން ޚިދުމަތްދޭނީ 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެތަން ހުޅުވިފައި ހުންނަ ގަޑިތަކަކީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00އަށެވެ.

ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުގައި ޚިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ޤާބިލް، ކުދިން ގެންގުޅުމުގެ ހުނަރުހުރި މުވައްޒަފުން ކަމަށް ވެސް އެކުންފުނީީންް ބުންޏެވެ.

އެތަނުގައި ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ކުޅިވަރުގެ ތެރެއިން އުނގެނުމަށްވެސް އިސްކަންދެވޭނެ އެވެ.