ސެނަގާލްގެ ކެޕްޓަން އިތުބާރު ފޯވާޑް ސަޑިއޯ މާނޭގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށް އޮތް ވޯލްޑް ކަޕުގައި އޭނާއަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

މާނޭއަށް އަނިޔާވީ ބުންޑަސް ލީގާގެ ރޭ ވަޑަބްރޭމަން އަތުން 6-1 އިން ބަޔާން މިޔުނިކް މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅުގައެވެ. ބަޔާން މިޔުނިކުގެ ކޯޗް ޖޫލިއަރ ނާގަލްސްމަން ބުނީ އަނިޔާ ވެފައި ވަނީ މާނޭގެ ކަކުލުގެ ޓިބިއާއަށް ކަމަށެވެ. އެކަމަކު އަނިޔާވީ ޓިބިއާ ޕްލެޓީ ނުވަތަ ޓިބިއާ ޝައިންބޯންއަށް ކަމެއް ބުނެފައެއް ނުވެއެވެ.

ޖަރުމަނުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މާނޭ ޓެސްޓްތައް ހަދާފައިވާކަމަށާއި ލިބިފައިވާ އަނިޔާއިން ރިކަވަރ ވުމަށް މަހެއްހައި ދުވަސް ނަގާނެކަމަށް ބެލެވޭ ކަމަށެވެ. މިކަން އިތުރަށް ޔަގީން ކުރުމަށް އިތުރު ޓެސްޓަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޖަރުމަނު ނޫސްތަކުން ބުނެއެވެ.

އަނިޔާގެ ސަބަބުން މާނޭއަށް ވޯލްޑް ކަޕުގައި ކުޅެވޭ ގޮތް ނުވެއްޖެނަމަ އެކަން ވެގެންދާނީ ސެނަގާލަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށެވެ. މާނޭއަކީ މިދިޔަ އަހަރު އޮތް އެފްރިކަން ނޭޝަންސް ކަޕުގެ ޗެމްޕިއަންކަން ސެނަގާލަށް ހޯދައި ދިނުމަށާއި ވޯލްޑް ކަޕް ކޮލިފައިން ޕްލޭ އޯފްގައި މިސްރު ބަލި ކުރުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އެންމެފަހުގެ ބެލޮންޑިއޯގެ ދެވަނަ ހޯދީވެސް މާނޭއެވެ.