ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން، އާޖެންޓީނާ ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު ޖިއޮވާނީ ލެސެލްސޯއަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ޔަގީން ކުރެވިއްޖެ ކަމަށް އާޖެންޓީނާގެ ނޫސްތަކުން ބުނެފިއެވެ.

ލޮސެލްސޯއަކީ މިދިޔަ އަހަރު އާޖެންޓީނާއިން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއިރު ޓީމުގެ މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަނުގައިވެސް އާޖެންޓީނާ ގައުމީ ޓީމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފިއެވެ.

ލޯން އެއްބަސްވުމުގެ ދަށުން މިސީޒަނުގައި ވިޔަރެއާލްއަށް ކުޅެމުން އަންނަ ލޮސެލްސޯގެ ފަލަމަސްގަނޑަށް އަނިޔާވީ ސްޕެނިޝް ލަލީގާގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅެނިކޮށެވެ. އަނިޔާއިން ސަލާމަތްވެ ފަރުވާ ހޯދުމަށް ލޮސެލްސޯ މިހާރު ހުރީ އާޖެންޓީނާގައެވެ.

އާޖެންޓީނާގެ މީޑިޔާ ރިޕޯޓުތައް ބުނެފައި ވަނީ ސާޖަރީއަކާ ނުލައި ލޮސެލްސޯއަށް ދަނޑަށް ދެން ނިކުމެވެތް ނެތް ކަމަށެވެ. އެކަމަކު ރަސްމީކޮށް މިކަމާ ގުޅޭ ގޮތުން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އަދި ވިޔަރެއާލްއިންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިފަހަރު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ބައްދަލު ކުރަން ޖެހެނީ ސައުދީ އަރަބިއްޔާ، މެކްސިކޯ އަދި ޕޮލެންޑާއެވެ.