ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެމްޓީސީސީން ދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، މިހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން R5 ނަމުގައި އައު ބަސް ރޫޓެއް އިތުރުކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފައެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓްތަކާއި ގުޅުވާދިނުމުގެ މަޤުސަދުގައި އިތުރުކުމަށް ހަމަޖެހިފައިވާ R5 ރޫޓުގެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 45:5 އިން އިރުއޮއްސި 00:18 އަށް ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނީން ބުންޏެވެ. ހުޅުމާލޭގެ ކޮންމެ ބަސް ހުއްޓިއަކުންވެސް ބަހުގެ ޚިދުމަތް ކޮންމެ 15 މިނެޓަކުން ލިބޭނޭ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ހެނދުނު 00:10އިން މެންދުރު 00:13 އަށް ބަހުގެ ޚިދުމަތް މެދުކަނޑާލެވޭނެ އެވެ.

ޚިދުމަތަށް އިތުރުކުރެވުނު R5 ބަސް ރޫޓައިއެކު އެ ކުންފުނިން އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ގްރޭޓަރ މާލެ ސަރަހައްދުގައި 12 ބަސް ރޫޓެއްގައި ފޯރުކޮށްދެމުންދާނެއެވެ. މި އައު ބަސް ރޫޓުގެ ޚިދުމަތުގެ އަގަކީ -/5 ރުފިޔާއެވެ. ޓިކެޓް ގަތުމަށް ކަސްޓަމަރުންނަށް އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. ކިޔު.އާރް ޓިކެޓް ގަތުމަށް ހަދަންޖެހޭގޮތް އެމްޓީސީސީގެ އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ވީޑިއޯގެ އެހީގައި ޝާޢިޢު ކުރެވިފައިވާނެ ކަމަށް ވެެސް ބުނެފައިވެއެވެ. އާރް.ޓީ.އެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން، ދަތުރުކާޑު ބޭނުންކޮށްގެންވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެއެވެ.

އާރް.ޓީ.އެލް ބަހުގެ ޚިދުމަތް 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކެވުމުން ހިލޭ ލިބޭނެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.

އިތުރުކުރެވުނު އައު ބަސް ރޫޓާއި އެކު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ބަހުގެ ޚިދުމަތް ހޯދުމަށް ދިމާވަމުން އައި ދަތިތަކަށް ހައްލު ލިބި، އިތުރު ލުއި ފަސޭހަކަން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ. އައު ބަސް ރޫޓްގެ މެޕް އަދި ޝެޑިއުލް ވެސް މިހާރުވަނީ ހާމަކޮށްފައެވެ. ބަސް ރޫޓް މެޕާއި ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓުން ބަލައިލެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ އެކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ. އެމްޓީީސީސީގެ މަޤްސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމެވެ،