މ. ނިރުފެހީގައި ހުރި ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި މިހާ ތަނަށް 10 މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ގަރާޖުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 12:30 ގައި ކަމަށެވެ. އަލިފާން ނިއްވާލެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ އެ ގަރާޖުގައި ހިނގި އަލިފާނުގެ 3 ވަނަ ހާދިސާއެވެ.

މި ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ މީހުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ނިޔާވި މީހުންގެ ހަށިގަނޑު ވަނީ ކޮންބައެއްކަން ނޭނގޭ ވަރަށް އަނދައިފައެވެ.

އަލިފާން ރޯވި އިމާރާތަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. އެތަނުގައި ވަރަށްގިނަ ބިދޭޭސީން އުޅެމުންދިޔަ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ކުދި ކޮޓަރިތަކުގައި އުޅެމުންދިޔަ އެމީހުން ކެއްކުމަށް ކޮންމެ ކޮޓަރިއެއްގައި ވެސް ގޭސްފުޅިއަކާއި އުނދުނެެއް ހުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.