ރޭ މާލޭސިޓީގެ ގަރާޖެއްގައި ރޯވެ ހިނގި ހިތާމަވެރި މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލި ވިދާޅުވެއްޖެއެވެ.

އެއީ ނުރައްކާތެރި އެހާމެ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ގެއްލުންތަކެއް ލިބިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާފޮނުވައިފައެވެ. އެމަނިކުފާނު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ކަންކަން ބައްލަވާލައްވައިފައެވެ. މި ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ލަންކާއަށް ނިސްބަތްވާ މީހުންނެވެ.

ހާދިސާ ހިނގާފައިވަނީ މ. ނިރުފެހީގައި ހުރި ގަރާޖެއްގައި ރޭ ދަންވަރު އެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ގަރާޖުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 12:30 ގައި ކަމަށެވެ. އަލިފާން ނިއްވާލެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ އެ ގަރާޖުގައި ހިނގި އަލިފާނުގެ 3 ވަނަ ހާދިސާއެވެ.