އާންމުން އުޅޭ ސަރަހައްދުތަކާ ދުރު ހިސާބުތަކަށް، ގަރާޖުތަކާއި ގުދަންތައްފަދަ ސިނާއީ މަސައްކަތްކުރާ ތަންތަން ވީއެންމެ އަވަހަކަށް ބަދަލުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ. އެ ޕާޓީން ސަރުކާރަށް މިކަމަށް ގޮވައިލެއްވީ ރޭދަންވަރު މާލޭގެ ގަރާޖެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި 10 މީހަކު މަރުވުމާ ގުޅިގެންނެވެ.

އެމްއެންޕީން ބުނެފައިވަނޯ ވެހިކަލް މަރާމާތުކުރާ ގަރާޖެއްގައި ހިނގި އަލިފާނުގެ އެ ހާދިސާގައި ބަޔަކު މަރުވެ ދިޔުމަކީ ބޮޑު ހިތާމައެއް ކަމަށެވެ.

ހާދިސާ ހިނގާފައިވަނީ މ. ނިރުފެހީގައި ހުރި ގަރާޖެއްގައި ރޭ ދަންވަރު އެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ގަރާޖުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 12:30 ގައި ކަމަށެވެ. އަލިފާން ނިއްވާލެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ އެ ގަރާޖުގައި ހިނގި އަލިފާނުގެ 3 ވަނަ ހާދިސާއެވެ.

ރޭ ނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވެއެވެ. އަލިފާނުގެ މި ހާދިސާގެ ތަހުގީގު ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.