މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު ވެސް ހޯދަމުންދާ ކަމަށެވެ. އޭގެ އިތުރުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިން ފެށިގެން ޚަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ވެސް ހޯދަމުންދާ ކަމަށެވެ. މިއިން މީހެއްގެ މައުލޫމާތެއް ލިބިއްޖެ ކަމަށްވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ރޭގެ ހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ވަރަށްބޮޑަށް ފިހި ކާކުކަން ނޭނގޭ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.