ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކުރަށްވައިފިއެވެ. މިޖަލްސާ ކުރިން ބާއްވަން ރައީސް އޮފީހުން ހަަމަޖައްސަވާފައިވަނީ މިރޭގައެވެ. ޖަލްސާ ދެން އޮންނާނީ މާދަންރޭ 8:30 ގައި ދަރުބާރު ގޭގައެވެ.

ޖަލްސާ ފަސްކުރެއްވީ ރޭ މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި 10 މީހަކު މަރުވެ އިތުރުބަޔަކަށް އަނިޔާވެފައިވާތީ އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ތަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވަޑައިގެން އެތަނުގެ ހާލަތުވަނީ ބައްލަވާލައްވައިފައެވެ. ހިތާމަވެރި މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާ، ލަންކާ، ނޭޕާލަށް ނިސްބަތްވާ މީހުންނެވެ.

ނިޔާވި މީހުންގެ ހަށިގަނޑު ވަނީ ކޮންބައެއްކަން ނޭނގޭ ވަރަށް އަނދައިފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އަލިފާން ރޯވި މ. ނިރުފެހީގައި ހުރި ގަރާޖެއްގައެވެ. އެ އިމާރާތަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. އެތަނުގައި ވަރަށްގިނަ ބިދޭޭސީން އުޅެމުންދިޔަ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ކުދި ކޮޓަރިތަކުގައި އުޅެމުންދިޔަ އެމީހުން ކެއްކުމަށް ކޮންމެ ކޮޓަރިއެއްގައި ވެސް ގޭސްފުޅިއަކާއި އުނދުނެެއް ހުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.