މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވަނީ މިހާދިސާއާ ގުޅިގެން އެފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ރައީސަށް އަރުވާފައެވެ.

މިހާދިސާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަޙުޤީޤު ކުރެއްވުމަށް ރައީސް ވަނީ އިރުޝާދު ދެއްވައިފައެވެ. އޭގެ އިތުރުން ނިޔާވި ފަރާތްތައް ދެނެގަތުމާއި، ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިއުމާއި ގުޅޭގޮތުންނާއި މިހާދިސާއާ ގުޅިގެން ހާލުގައިޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދާނޭ ގޮތުގެ އިރުޝާދުވެސް ރައީސް ދެއްވިއެވެ.

މީގެ އިތުރުން ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިޔަށްގެންދެވުމަށާއި މާލޭގައި ހުރި ވޯކްޝޮޕް ގަރާޖުފަދަ ތަންތަން އަވަސްގޮތެއްގައި އެހެންތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރުކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ މި ބައްދަލުވުމުގައި ދެއްވައިފައެވެ.