ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަމަށް ބިދޭސީން ގެންނަ އަމިއްލަ ފަރާތްތަކުން ވެެސް އިހުމާލުވެފައިވާ ކަމަށް އެމްއާރުއެމް އިން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ މާލޭގެ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ މީހުން މަރުވެ އިތުރު ބަޔަކަށް އަނިޔާވުމުން އެކަމާ ހިތާމާފާޅު ކުރުމަށް ނެރުނު ބަޔާނެއްގައެވެ.

މަސައްކަތް ކުރުވަން ރާއްޖެއަށް ބިދޭސީން ގެންނަ އަމިއްލަ ފަރާތްތަކުން، އެގޮތަށް ކަންތައް ކުރަނީ ޚަރަދު ކުޑަކުރުމުގެ ބޭނުމުގައާއި ވިޔަފާރީގެ ފައިދާ އިތުރުކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. އެޕާޓީން ބުނެފައިވަނީ ގަރާޖު، ގުދަން، ސްޓާފް ކުއާޓަރސް ފަދަ މިނޫން ވެސް ތަންތަނުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ކުރިން ވެސް އަންގާފައިވާ އެންގުންތަކަށް ފުރިހަމަ އަހަންމިއްޔަތެއް ދީފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ. އޭގެ އިތުރުން އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަމުގައި އަންގާފައިވާ އެންގުންތަކަށް ފުރިހަމައަށް ބޯލަނބާތޯ ބެލުމުގައި ކަމާބެހޭ މުއައްސަސާތަކުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވެސް ބުނެފައިވެއެވެ.

"އެހެން ކަމުން އެފަދަކަންކަން އެޕާޓީއަށް ބަލައިނުގަނެވޭނޭ ކަަމަށް ވަނީ ބުނެފައެވެ. އެފަދަ ހާދިިސާތަކަކީ ވަރަށް ވެސް ހިތާމަހުރި ކަންކަން ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ. "އެހެންކަމުން، ބިދޭސީން ބައިތިއްބާފައި ތިބޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި މި ޕާޓީ އިން ދެކެމެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތައް ކުރިއަށް އޮތްތަނުގައި ނުހިނގާނެ ގޮތަކަށް ޢަމަލު ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ވެސް ގޮވާލަމެވެ."

​މާލޭގައި ހިނގި ނުރައްކާތެރި މި ހާދިސާގައި ނިޔާވި އެންމެންގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތްލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެމްއާރުއެމްއިން ވަނީ އެދިފައެވެ.