މިރާ އޮންނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާއަަށް ދައުވަތު ދެއްވާފައިވާ ބޭފުޅުން އެ ދަޢުވަުގައިވާ ގަޑިއަށް ޖަލްސާއަށް ވަޑައިގެންނެވުމަށް ހޯމް މިނިސްޓްރީން އެދިވަޑައިގެންފިއެވެ. "ދަޢުވަތުއެރުވިފައިވާ ބޭފުޅުން، ދައުވަތު އެރުވިފައިވާ ގަޑިއަށް މާދަމާރޭ (މިރޭ) ޖަލްސާއަށް ވަޑައިގެންދެއްވުން އެދެން،" ހޯމް މިނިސްޓްރީން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޚާއްސަ މިޖަލްސާ އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގައެވެ.

މި ޖަލްސާއަކީ ރޭ ބާއްވަން ހަމަ ޖައްސަވާފައިވާ ޖަލްސާއެކެވެ. އެހެން ނަމަވެސް މިރެއަށް ފަސްކުރެއްވީ އިހަށްރޭ މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގެ ސަބަބުންނެވެ. އެ ހާދިސާގައި ވަނީ 10 މީހަކު މަރުވެފައެވެ. އަދި ބައެއް މީހުންނަށް އަނިޔާވުމުން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެސް ވެއެވެ.

މި ހާދިސާ ހިނގި ތަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވަޑައިގެން އެތަނުގެ ހާލަތުވަނީ ބައްލަވާލައްވައިފައެވެ. ހިތާމަވެރި މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާ، ލަންކާ، ނޭޕާލަށް ނިސްބަތްވާ މީހުންނެވެ.

މިރޭ ބާއްވާ މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދެއްވާނެއެވެ. މި އަހަރު މި އިނާމް ލިބިވަޑައިގަންނަވަނީ 65 ފަރާތަކަށެވެ. އެއީ ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒަކަށާއިި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށެވެ.

އޭގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށް އިނާމު ލިބޭނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން، އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ލިބޭނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީއަކުންނެވެ.