މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓީމެއް އއ. އަތޮޅަށް މިއަދު ފުރައިފިއެވެ. މިއީ އެޕާޓީ އެއަތޮޅުގައި ޕްރޯމޯޓްކޮށް ތައާރަފްވެލުމުގެ ގޮތުން ކުރާ ދަތުރެކެވެ.
އެއަތޮޅުގެ ބައެއް ރަށްރަށަށް މިޓީމު ޒިޔާރަތްކުރާނެއެވެ. މި ޓީމުގެ އެންމެ އިސްކޮށް ހުންނެވީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. އޭނާގެ އިތުރުން ޕާޓީގެ ނާއިބު ރައީސުން ކަމަށްވާ މިރްފަތު އިސްމާޢީލާއި ޝަފީގާއި ޙުސައިން އިސްމާޢީލް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ އެޕާޓީގެ ސެންޓްރަލް ރީޖަންގެ ޓީމުން އިންތިޒާމް ކޮށްގެބް ކުރާ ދަތުރެކެވެ.
މި ދަތުރުގައި ޕާޓީގެ ރައީސް ނާޒިމް ވަނީ ތޮއްޑޫ ކައުންސިލާއި ޑަބްލިޔުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.
އެމްއެންޕީގެ އަޕަރ ނޯތު ރީޖަންގެ ޓީމުންވެސް މިވަގުތު ދަނީ ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށް ދަތުރުކުރަމުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ހއ. ހޯރަފުށީގައި ޕާޓީގެ ނާއިބު ރައީސް ޝިހާބާއެކު ޕާޓީގެ އަންހެނުންގެ ވިންގގެ ލީޑަރ ޢާދިޔާ ދަނީ ހަރަކާތްތެރި ވަމުން ކަމަށް އެމްއެމްޕީން ބުނެފައިވެއެވެ.
އެމްއެންޕީން ގެންދަނީ ރާއްޖޭގެ އެކިސަރަހައްދުތަކަށް ޓީމުތައް ފޮނުވައި ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމާއި ޕާޓީ ތައާރަފް ކުރުމުގެ މަސައްކަތައް ކުރައްވަމުންނެވެ. އެންމެފަހުނ ޕާޓީގެ ޓީމެއް ހަރަކާތްތެރިވެފައިވަނީ ހުވަދުއަތޮޅުގައެވެ.
އެމްއެންޕީއަކީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އިއުލާންކުރައްވާފައިވާ ޕާޓީއެކެވެ. ބެލެވޭ ގޮތުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާނީ ރައީސް މުހައްމަދު ނާޒިމެވެ. އެހެނަސް އޭނާއަށް ވެސް ފުރުސަތު ލިބި ވަޑައިގަންނަވަނީ ޕްރައިމަރީއަކަށްފަހުއެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރިއަށްއޮތް ދެތިން މަސްތެރޭ ބާއްވާނެއެވެ.