އުމަރު ނަސީރުގެ ސިޔާސީ ހަޔާތުގައި ދެން ބާކީ އޮތީ ދިހަ އަހަރު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ހަލިނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ވިދާޅުވީ އެ ދިހަ އަހަރު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭތޯ ބައްލަވާނޭ ކަމަށެވެ. ދިހަ އަހަރަށްފަހުން ސިޔާސީ ހަޔާތް ނިންމަވާލައްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ކުރިން އަޅުގަނޑު ބޭނުންވޭ މިރާއްޖެ ރަނގަޅު ހެޔޮ މިސްރާބަކަށް ގެންދަން. އެކަން ކުރެވޭނީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކޮށްގެން. އެހެންވީމާ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ރައީސް ކަމަށް އިންތިޚާބު ކޮށްދެއްވާ. އަންނަ އަހަރު އެކަން ނުވިއްޔާ ދެ ހާސް އަށާވީހުގައި އެކަން ކޮށްދެއްވާ. އެ އަހަރު އެކަންކޮށްދެއްވައިފިނަމަ އިތުރު ދައުރަކަށްް ކުރިމަތިލާނަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސިޔާސީ ކެރިއަރުގައި ބާކީ ދެންއޮތީ ދިހަ އަހަރުކަމަށް ނިންމެވީ އުމުރުން ވެސް ދުވަސްވަމުންދާތީ ކަމަށެވެ. އުމަރުގެ މިހާރުގެ އުމުރަކީ 56 އެވެ. މީގެ ދިހަ އަހަރު ފަހުން އުމަރަށް ވާނީ 66 އަހަރެވެ.

އޭނާ ވިދާޅުވީ އެ މުއްދަތުގައި ދިވެހި ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދީ އުފާވެރި ތަނަވަސް ރާއްޖެއެއް ހޯއްދަވައިދެއްވަން ބޭނުންވާ ކަމަށެވެ. އެކަން ކޮށްދެވޭނީ ހަމަ ރައްޔިތުން ފުރުސަތު ދެއްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.