ނޮވެމްބަރު 10 ވަނަ ދުވަހުގެރޭ މާލޭގެ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާ ފަދަ ކަންކަން ހިނގަނީ ތޮއްޖެހުމާއި މާލޭގައި ދިރިއުޅުމުގެ ދަތިކަމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނިކުފާނު ވިދާޅުވީ އަލިފާނުގެ އެ ހާދިސާއާ ގުޅޭ ހުރިހާކަމެއްގައި ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން މިއަންނަނީ އެތައް އަހަރަކުން އުފެދިފައިވާ ތޮއްޖެހުމާއި މާލޭގެ ދިރިއުޅުމުގެ ދަތިކަމުން،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވަޑާންގެއަކަސް، ގުދަނަކަސް ގަރާޖެއް ކަމުގައިވިޔަސް މީހުންނާއެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނޭ ކަމަށެވެ. ކެމިކަލް ގުދަންންތައް މާލެއިން ބޭރަށް ބަދަލު ކުރެއްވިއްޖެ ކަމަށާއި ވޯކްޝޮޕްތަކާއި ގަރާޖުތަކާއި ވަޑާންގެތައް ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުން އެކަހެރި ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެނަސް އެކަމަބެހޭ ތަފްސީލެއް ވިދާޅެއް ނުވެއެވެ.

އަލިފާނުގެ އެ ހާދިސާގައި 10 ބިދޭސިއަކު ވަނީ މަރުވެފައެވެ. އެއީ ފަހުގެ ތާރީޚެއްގައި މިފަދަ ހާދިސާއެއްގައި މިހާ ގިނައިން މީހުންމަރުވި ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ހިތާމަކުރައްވާ ކަމަށާއި މަރުވެ ދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.