މީގެ ހަތަރު އަހަރުކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ހަމަހަމަކަމާއެކު 4 އަހަރު ރައްޔިތުންނަށް ޚިދުމަތް ކުރެއްވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދެއްވުމުގައި، އެއްވެސް ރައްޔިތަކު ތަފާތުކުރެއްވުމެއް ނެތި ހަމަހަމަކަމާއެކު ޚިދުމަތް ކޮށްދެއްވުމުގެ އިހްސާސް މިރޭ ކުރެއްވޭ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ދިވެހިގައުމު އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ބިރުވެރިކަންމަތީގައި ކަމަށެވެ. އެއީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތް ދުވަސްވަރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެދުވަސްވަރު ސިޔާސީ ލީޑަރުން ތިއްބެވީ ބިރުވެރިކަމާއެކު ޖަލުގެ ކުޑަގޮޅީގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްރުންތިބޭ ބޭކާރު ބައެއްގެ ގޮތުން އުކާލެވިފައި ކަމަށް ވެސް ވިދާޅުވިއެވެ. އެއާއެކު ރާއްޖެ އޮތީ ބައިނަލްއަގްވާމީ ދުނިޔެއާއި އެކަހެރިވެފައި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ބަދަލަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަކުރުން ކަމަށެވެ. ދެފުށްފެންނަ، ޖަވާބުދާރީ ކުރުވެނިވި، ގާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް، ދައުލަތް ބިނާވުން އޭގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ، މިނިވަންކަމާއެކު ހެލިފެލިވެ ދިރިއުޅުން އާރާސްތު ކުރެވޭނެ މާޙައުލެއް ގާއިމްވުމަށްވެސް އެދުވަހު ރައްޔިތުން ބޭނުންވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ވިދާޅުވީ އާމްދަނީއާ ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަހަމަ، ހަމަތަކެއް، ފާއިތުވި 4 އަހަރުގެތެރޭ ސަރުކާރަށް ހޯދިއްޖެކަމަށެވެ. ޖީބަށްލުއި، ބާރުދުވެލީގައި ރަށްތައް ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ތައާރަފް ކުރެވިއްޖެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.