މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވީ، ޚިޔާލުތަފާތުވުންތަކާއެކު ކުރިއަށް ގޮސް، ގައުމާއި ރައްޔިތުން އިސްކުރާނެ ވެރިކަމެއް އުފައްދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެދުވަސްވަރު ރައްޔިތުން ބޭނުންވީ އެދުވަހަށްފަހު، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކަށް، ސަރުކާރުން ހުރަސް ނޭޅުން ކަމަށެވެ. "މި ފާއިތުވި ހަތަރު އަހަރުވެސް އަޅުގަނޑު މަސައްކަތް ކުރީ، ރާއްޖޭގެ ރައްޔިތުން އެދުވަހު އަޅުގަނޑާ މަތިކުރެއްވި، ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރުމަށް. ފުރަތަމަ ކަމަކަށް، ތަފާތު ނުކޮށް ހަމަހަމަކަމާއެކު، އެންމެންނާއެކު ކުރިއަށް ދިޔުން. ސިޔާސީ ޒުވާބާއި، ހަސަދައާއި ޖަދަލާއި، ނަފްރަތުން މުޖުތަމައު ސަލާމަތް ކުރުން،" ރައީސް ވިދާޅުވިއެވެ.

މީގެ 4 އަހަރުކުރިން ރާއްޖޭގައި އޮތީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމެވެ. އެމަނިކުފާނުގެ ނަންފުޅު ވިދާޅުނުވެ ރޭ ރައީސް ސާލިހުވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އޮތް ހާލަތު ވިދާޅުވެދެއްވައިފައެވެ.

"އެދުވަހު ގައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ނުތަނަވަސްކަމާއި ބިރުވެރިކަން. ސަބަބަކީ، ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތުން. އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ، ވެރިކަމުގެ ހަތުރަކަށް. އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރުއެކަންވީ، ގާނޫނުއަސާސީ ތަސައްވުރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލުވާލުން. ވެރިކަމުން، ޤާނޫނީ ހަމަތަކަށް ތަބާވުން ދޫކޮށް، ވެރިކަމުގެ ފަރާތުން ގާނޫނުގެ ބާރު ލަންބައި، ގުދުކޮށް ވާންކުރުން،"
ރައީސް ސާލިހް

އެގޮތަށް އޭރުގެ ސަރުކާރުން އަމަލުކުރެއްވުމުގެ ނަތީޖާއަކީ ވެރިކަމުގެ ނިޒާމް ކިލަނބުވުމާއި ހިނގާ ކަންކަމުގެ ދެފަރާތް ފެނުން އެއީ، ނެތް ފުރުޞަތަކަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ. ފަރުދާގެ ފުރަގަހުގައި ހިނގާކަމެއް ނިމި، މަންޒަރު ސާފުވާން ފެށިއިރު، އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގައި އޭރު އޮތީވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަމާނާތްތެރި ކަމަކީ، އެންމެ ބޮޑު ޚިޔާނާތް ކަމުގައި އެދުވަސްވަރު ވަނީ ވެފައި ކަމަށާއި، އިންސާފަށް އެދުމުގެ ކުރިން، އިންސާފު ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ހިސާބަށް، ބޭއިންސާފު އޮތީ އާންމުވެފައި ކަމަށް ވެސް ވިދާޅުވިއެވެ.

"ހެޔޮވެރިކަމުގެ އުންމީދު ގެއްލި، ވެރިކަމުގެ އާރާއި ބާރާއި ޖާހުގެ ނާޖާއިޒު ނިންމުންތައް އެއީ، އާންމު، އާދައިގެ ކަމަކަށް ހެދި. މިނިވަންކަމާއި ހައްގުތައް ނިގުޅައި ގަނެވޭނީ، ކޮންއިރަކު، ކާކުގެ ކަމެއް، ހަމަ އެކަކަށްވެސް އެދުވަހަކު ނޭނގޭ. ދެންތިބި އެންމެންނަކީ، ނެތް ބައެއްކަމުގައި އެދުވަހު އޮތީވެފައި،"
ރައީސް ސާލިހް

އެމަނިކުފާނު ވިދާޅުވީ އެދުވަސްވަރު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ، ކުޑަގޮޅީގައި ނުވަތަ އެގޮޅީގެ އަނގަމަތީގައި ކަމަށެވެ. ހަމައެއާއެކު ގޯހުންގޯހަށް އޭރު ހިނގަމުންދިޔަ ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު ވެސް އޭރު ބަންދުކުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ ދޮރުތައް ތަޅުލި. ދިގުލީ އެތައް ދުވަހެއް ވަންދެން، މަޖިލީހުގެ އިމާރާތް ބަންދުކޮށްފައި ބެހެއްޓި. އެމަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަކީ، މުލައްދަނޑީގެ ބާރުން ނެރެ، ފާރުމަތިން އުކާލެވޭ، ބޭކާރު މުދަލެއްގެ ސިފަ ޖެއްސި. އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ މަރުހަލާގައި، ހިޔާވަހިކަމެއް އެދުވަހަކު ނެތް. ރައްޔިތުންނަށް ގޮތްހުސްވުމަކީ، އޮތް ހަމައެކަނި ގޮތް ކަމުގައިވެ ނިމުނު،"
ރައީސް ސާލިހް

އޭގެ އިތުރުން އެދުވަސްވަރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުންކެނޑި، އެކަހެރިވެ ވަކިވެފައި ކަމަށާއި ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިންތިޚާބު ކުރެއްވި، އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ، ގަނޑުކޮށް ސަސްޕެންޑް ކޮށް އެކަހެރި ކުރެވިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ރައްޔިތުންގެ މަތިން ހަނދާން ނައްތާލައިފައި ކަމަށާއި، ރައްޔިތުންގެ ދަލާއި ލޭ އޮހޮރުވައިގެން ލިބިގަތް، އައު ގާނޫނުއަސާސީ، އޭގެ އާރޯތާނާ ކަމުގައި ވަނިކޮށް، އެއީ ރާއްޖެ ވައްޓާލެވިދާނެ ހާލަތެއް ކަމަށް ހިތަށް ގެންނަން ދަތިވި ކަމަށް ވެސް ވިދާޅުވިއެވެ.