މި އަހަރު ޖުމްހޫރީ ދުވަހު ދިވެހި ގައުމަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކީ އުމުރުން އެންމެ 8 އަހަރުގައި ކީރިތި ގުރުއާން ހިތުދަސް ކުރި އަލްޙާފިޒް އަމަން އަޙްމަދު ޢާޠިފް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލި ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި މިއަހަރުގެ ޖުމްހޫރީދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ "ބާ އަތޮޅު ހިތާދޫ، ޑޭޒީމާގެއިން އެދެއްކީ ހަގީގަތުގައި ވެސް އިންސާނެއްގެ ހިތާދުލުން ކުރެވޭނެ އެންމެ މަތިވެރި މަސައްކަތް. އަމަންގެ މައިންބަފައިންނާއި، އާއިލާއާއި، މުދައްރިސުންނާއި، މުޅި ހިތާދޫ ވަނީ މިޝަރަފްގެ ފަހަތުގައި. އެހުރިހާ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން. ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން އެބޭފުޅުންގެ ހިތްތައް ޒީނަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން. ސާބަސް ރައްދު ކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ އެކިއެކި ޝަރަފާއި މެޑެއްޔާއި ޚާއްސަ އިނާމު ހާސިލުކުރެއްވި ބޭފުޅުންނަކީ، ރޭގެ ޖަލްސާގެ ހަގީގީ ޝަރަފުވެރީ ކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވަނީ ކީރިތި ގުރްއާން ހިތުދަސް ކުރައްވައިގެން، ޚާއްސަ މެޑަލް ލިބިވަޑައިގަތް ބޭފުޅުންނަށް ތަހުނިޔާއާ މުބާރިކްބާދީ ދަންނަވައިފައެވެ. ރައީސް ވިދާޅުވީ އެބޭފުޅުން ޖުމްހޫރީ ދުވަހު އެ އުފުއްލަވައިދެއްވީ ދިވެހި، އިސްލާމީ ޝަޚްއްޔަތުގެ އެންމެ އުސްކުރިބޯށި ކަމަށެވެ.

ރޭ އިނާމް ހޯދި ބޭފުޅުންނަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ފަޚުރުވެރިކޮށްދިން ބޭފުޅުންތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ތަފާތު ފަންނާއި، ހުނަރާއި، މަސައްކަތްތެރިކަމާއި އުފެއްދުންތެރިން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެއީ އާ އީޖާދުތަކުގެ އާޖީލެއް ރާއްޖެއަށް ލިބުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. "އެއީ، ދިވެހި ޖުމްހޫރިއްޔަތުގެ ސާފު ފައިދާގެ ގޮތުގައި މިގައުމު އުފަންކުރި، މި ޖީލުގެ ދަރިން. އެ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.