ދިވެހި ގައުމަށް އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފަހި ސިގްނަލް ރާއްޖޭގެ އިގްތިސާދީ މީޓަރުން ދައްކަމުންއެބަދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ރޭ ވިދާޅުވީ މިދުވަސްވަރަކީ މުޅި ދުނިޔެއަށްވެސް ދަތި ދުވަސްވަރެއް ކަމަށެވެ. އެހެން ކަމުން އޭގެ އަސަރު ރާއްޖެއަށްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. "ނަމަވެސް ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށް މިޔަ އަޅާ، ތޫނުކުރި ބަހުރުވަ. ރާއްޖެ ބަނގުރޫޓްވެ، އިގްތިސާދު އިނދަޖެހި، ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު، އަބަދާއި އަބަދު ރައްޔިތުންނަށް އެބަދައްކާ. ނަމަވެސް ސަރުކާރު މިއޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލައި. އެފަދަ ކޮންމެ ހާލަތަކުން އަރައިގަތުމަށް އެ ހިނދަކަށް ބޭނުންވި ފިޔަވަޅެއް މިދަނީ އަޅަމުން. މިހާތަނަށް ކުރިމަތިވި މިފަދަ ކޮންމެ ކަމަކުން އިރާދަކުރެއްވީތީ އަރައިގަނެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ރޭ ވިދާޅުވީ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަން ދެއްވާފައިވާނޭ ކަމަށެވެ. އެކަން އެގޮތަށް ކުރައްވާނީ ރައްޔިތުންނަށާއި އިގްތިސާދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނޭ ގޮތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަށް ވެސް ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓީޖީއެސްޓީގެ ގޮތުގައި. ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއެކު، ދައުލަތުގެ ރަސްމީ ރިޒަރވަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ. މި ގެންނަ ބަދަލަކީ، ރަނގަޅު ބަދަލެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމްއެމްއޭގެ މާލީ ބޭފުޅުންނަށް،" ރައީސް ވިދާޅުވިއެވެ.