ފާއިތުވި ހަތަރު އަހަރު ދައުލަތް ހިންގުމުގެ އަސާސްތައް ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއަށް ގެނެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑިމޮކްރެޓިކް ވެށްޓެއްގައި އެ ބާރެއްގެ ދައުރު އަދާކުރާނެ ޖާގަ،ވެސް އެމަނިކުފާނުގެވެރިކަމުގައި ފާއިތުވެގެންދިޔަ 4 އަހަރުން ވަނީ ހޯދިފައި ކަމަށެވެ. "މިނިވަން ޖުޑިޝަރީއެއްގެ ޒަރީއާއިން، އަދުލުއިންސާފަށް ގެއްލިފައިއޮތް އިތުބާރު، އިއާދަ ކުރުމަށް ބޭނުންވާ،ގާނޫނީ އޮނިގަނޑު ބަދަލު ކޮށްފިން. މިނިވަން ސުޕްރީމް ކޯޓެއްގެ ދައުރު، ފުރިހަމައަށް އަދާކުރެވޭނެ ފުރުސަތު، މި 4 އަހަރުން ފަހިކޮށް ދިނިން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދޅުވީ އޯގާތެރިކަމާއެކު، ހަމަ މަގުން ދައުލަތެއް ހިންގާނެ ހުރިހާ ހަމަތައް، އެންމެ 4 އަހަރުން ފުރިހަމަވެ ނިމޭނެ ކަމަށް ބަލައިގެން ނުވާނޭ ކަމަށެވެ. ޔަގީނުން ވެސް ފާއިތުވި 4 އަހަރު ހާމަވެގެންދިޔަ އެންމެބޮޑު އެއް ހަގީގަތަކީ އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަ ކުރެވޭނޭ ކަމަށް ކަމަށް ކުރެވޭ އުންމީދު ބޮޑުވެގެންދިއުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މީގެ ހަތަރު އަހަރު ކުރިން، ރައްޔިތުން އެންމެ ބޮޑަށް އެދިތިބީ، ދައުލަތް ހިންގުމުގައި ހާމަކަން ބޮޑުވުމަށް. އޭގެ މައިގަނޑު ސަބަބަކީ، އޭގެ ކުރިން ދައުލަތުގެ ތެރޭގައި އޮތް ކިލަނބުކަމުގެ ބޮޑުކަން. އޭގެ ހަތަރު އަހަރު ފަހުން މިއަދުގެ ހަގީގަތް ތަފާތު. ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެތައް މަގެއް އަދި ވަސީލަތްތަކެއް މިހާރު އެވަނީ ފަހިކޮށްފައި. މާލީ ހިސާބުތަކާ، ރައްޔިތުންނާ ގުޅުންހުރި ނިންމުންތަކާއި، ވެނިމުނު ކަންކަމާއި، އިތުރަށް ކުރާން ހުރި ކަންކަމުގެ، ހުޅުވިފައިވާ ތަފްސީލު ތަކަށް މިއަދު ވާސިލުވެވޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ 4 އަހަރު ކުރިން ގައުމު އޮތް ކިލަނބު ކަމުގެ ބޮޑުކަމާ ހުރެވެސް އެކަންކަން ހާމަކުރުމަށް ވައުދުވެ ވަޑައިގެންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރުން މިހާރުވަނީ އެފުރުސަތު ހުޅުވާފައި ކަމަށް ވެސް ވިދާޅުވިއެވެ. "ހާމަކުރެވޭ މައުލޫމާތުގެ ދެފޮޅުވަތް ދޭތެރެއާއި، ފިލި ކޯޅިން މާނަ ނެގުމަކީ، ސަރުކާރަށް ތަކުލީފެއް އުފުލަން ޖެހިދާނެ ކަމެއްކަން އެނގިތިބެވެސް، މިހާރުގެ ރޫހަކީ ހަމަ، ހާމަކުރުން،" ރައީސް ވިދާޅުވިއެވެ.