ދަތުރުުކުރަމުންދިޔަ ލޭންޑިންކްރާފްޓެއް ބަންޑުން ޖާހަލައި އެއިން ދަތުރުކުރި 4 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފި ކަަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ލޭންޑިންކްރާފްޓް ބަންޑުން ޖަހައިލީ ގދ.ފަރެސްމާތޮޑާއިން ފުރައިގެން އައްޑުއަށް ދަތުރުކުރަމުންދަނިކޮށް ދިޔަވެގެން ކަމަށެވެ. އޭރު އޭގައި ހަތަރު މީހަކު ދަތުރުކުރި ކަމަށް އެމްއެންޑީއެފުން ވިދާވިއެވެ. އޭގެތެރެއިން 3 މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. "ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓް ބަންޑުން ޖަހާލައި އޮއްވައި އޭގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެއީ ވާދޫ ދޯންޏެއް ކަމަށް އެނގިފައިވެއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި އެ ތިން ފަޅުވެރިން މިއަދު 16:10 އެހައިކަންހާއިރު ވަނީ ގދ.ވާދޫއަށް ގެންގޮސްފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 12:50 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ފަރެސްމާތޮޑާގެ ދެކުނުން 14 ނޯޓިކަލް މޭލު ބޭރުންނެވެ.

އެއިން ގެއްލުނު ފަޅުވެރިޔާ ފެނިފައި ނުވާތީ އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ގެއްލިފައިވަނީ ބިދޭސީއެކެވެ.