ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ އޭނާއަށާއި އާއިލާއަށް ފައިދާއަކަށް ނޫންކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ހަލިނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އަމިއްލަ މީހާއި އާއިލާއި ރަހުމަތްތެރީންނަށް ރަނގަޅުގޮތް ހޯދައިދޭން ވެރިކަމަށް އަންނަ އެއްވެސް ބޭފުޅަކަށް ހުވަޔާ އެއްގޮތަށް ވެރިކަން ހިންގިފައިނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެ މިދާ މިސްރާބު އެބަފެނޭ. އިޖުތިމާއީ ފޭރާންވީދި ކުދިކުދި ވެއްޖެ. އިސްލާމީ ވެލިއުސްތައް ގެއްލިއްޖެ. ވައްކަމާއި މަސްތުވާތަކެއްޗާއި މާރާމާރީއާއި މީހުންމެރުން އާންމު ވެއްޖެ. މިކަންކަން ފެނި އަމަލީ ގޮތުން މިކަންކަން ހުއްޓުވަން މަސައްކަތްކުރައްވަނީ ކޮންލީޑަރެއްތޯ؟ ކެންޕޭނުގައި ދައްކަވާ ވާހަކައާ އެއްގޮތަށް ވެރިކަން ލިބުމުން އަމަލެއް ނުކުރެވޭ. އެކަމަކު އަޅުގަނޑު ބަސްވެސް ބުނާނަން. ވައުދުވެސް ވާނަން. އެބުނާ ގޮތަށް އަމަލުވެސް ކުރާނަން،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ކުރީން އަމާންތަނެއް ކަމަށްވިޔަސް މިހާރު އެއީ މާޒީ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އުފަލުގައި ހަމަޖެހިގެން އުޅުވޭނީ ރާއްޖެ އަމާންތަނަކަށް ހަދައިގެން ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖެ ދާނީ އިސްލާމީ ޝަރީއަތާ ގާތަށް ޖެހެމުން. އެކަން އަޅުގަނޑުކުރާނީ އެކަންކަމަށް ގުރުއާނުންނާއި ހަދީސްތަކުން އިރުޝާދު ލިބިފައިވާ ގޮތަށް. މިއީ އިސްލާމީ ގައުމެއް. މިގައުމުގައި އިސްލާމީ ވަންތަކަން ހުންނަން އެބަޖެހޭ. އެއްބަޔަކު އަނެއްބަޔަކު އެކުވެރިކަމާއެކު އުޅެން އެބަޖެހޭ. ﷲ އަށްޓަކައި އެކަކު އަނެއްކަށް އަޅާލައި ލޯބިވާން އެބަޖެހޭ. މުޖުތަމައުގެ ސަފުތައް ބަދަހިވާން އެބަޖެހޭ. މިކަންކަން މިމަގަށް ކުރެވޭނޭ ހަމައެކަނީ ލީޑަރަކީ އަޅުގަނޑު އުމަރު ނަސީރު،" އޭނާ ވިދާޅުވިއެވެ.