ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި 28 ޖަލްސާ ބޭއްވުމަށްފަހު 2 މަސްދުވަހުގެ ޗުއްޓީއަކަށް ހިނގައްޖެއެވެ.

އިއްޔެ ބޭއްވި މިއަހަރުގެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވަނީ މިދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ދެއްވާފައެވެ.

މިގޮތުން 15 ބިލެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، ރިޔާސަތުން ހުށަހެޅުއްވި 8 މައްސަލައެއް އަދި ސަރުކާރުން ހުށަހެޅުއްވި 8 މައްސަލައެއް ނިންމެވުމުގެ އިތުރުން ވަޒީރުންނާ 17 ސުވާލު ކުރެވުނުކަމަށް އީވާ ވިދާޅުވިއެވެ. ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަމާއި ގުޅުންހުރި މަސައްކަތްތަކަށް އިސްކަންދީގެން ކޮމިޓީތަކުން މަސައްކަތް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

"ޖުމްލަ 89 ގަޑިއިރު ޖަލްސާ ވަގުތު ހޭދަކުރެވުނު. ކޮމިޓީ ވަގުތުގައި 330 ގަޑިއިރު ހޭދަކުރެވުނު. މަޖިލީހުން ނިންމި މުހިއްމު ބިލްތަކުގެ ތެރޭގައި ސަރުކާރުން ހުށަހެޅި ތައުލީމުގެ ބިލާއި، ފުލުހުންގެ ހިދުމަތުގެ ބިލަކީ މުހިއްމު ބިލެއް. ކުޑަކުދިންގެ އަދުލުގެ ޤާނޫނަށްވެސް ވަނީ އިތުރު ހަރުދަނާކަމެއް ގެނެވިފައި" އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިގާލީ އިންސާފުގެ ބިލް އެއީވެސް ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ފަށާނެ ކަމަށް ބެލެވެނީ އަންނަ ފެބުރުއަރީ މަހުގައެވެ.