ސަރުކާރުގެ އޮފީސްތަކާއި ކުންފުނި ތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ގޮތުގައި ކަނޑައަޅާ ތަނުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ކަނޑައަޅައި، ޖެންޑަރ މިނިސްޓްރީން އަތްމަތީ ފޮތެއް އެކުލަވާލައިފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މީނިސްޓްރީން ވިދާޅުވީ އެ ފޮތުގައި ތަން ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހިމެނޭނޭ ކަމަށެވެ. އެ ފޮތުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި ބޭނުންހިފޭނެ އަދި އެކަމަށް މަގުފަހިކޮށްދޭނެ ގިނަ މައުލޫމާތުވެސް ހިމަނާފައިވާނޭ ކަމަށް ވިދާޅުވެފައިވެއެވެ. އެ މަޢުލޫމާތުގެ ސަބަބުން ވަޒީފާއަދާކުރާ ތަންތަނުގައި ގާއިމުކުރާ "ޗައިލްޑް ކެއަރ ސްޕޭސް" ގެ ކަންކަން ބެލެހެއްޓުމާއި، އެތަނުން ޚިދުމަތް ލިބިގަންނަ ކުދިންނަށާއި، އެކުދިންގެ މައިންބަފައިންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އިދާރާތަކަށް އެހީތެރިކަން ލިބިގެންދާނޭ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ގާއިމުކުރަމުންދާނީ އެ އޮފީހެއްގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް ތަނުގެ ޖާގަ އާއި ވަސީލަތްތައް ހުރި މިންވަރަކުންނެވެ. ދިމާވާ އެކި ސަބަބުތަކާ ހުރެ މަދު ވަގުތުކޮޅަކަށް ނަމަވެސް ކުދިން ގެނެސް ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބައިތިއްބަން ބޭނުންވާ މައިންބަފައިންނަށް އެ ފުރުސަތު ފަހިކޮށްދެވޭ މިންވަރަށް ވަޒީފާގެ މާހައުލުގައި ޗައިލްޑް ކެއަރ ސްޕޭސް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ވަޒީފާއަދާކުރާ މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ވަޒީފާއަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ދަޢުލަތުގެ އެކި އިދާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ގާއިމުކުރުމަށް ސަރުކާރުން ފެށި މަޝްރޫގެ ދަށުން އެފަދަ ތަނެއް އެެންމެފުރަތަމަ ގާއިމް ކޮށްފައިވަނީ ސްޓެލްކޯގައެވެ.
މިއީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތުގެ ދަށުން ކުރަންފެށި މަސައްކަތެއް ކަމަށާއި ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި އޯގާތެރި ސަރުކާރެއް ގާއިމްކުރުމަށް ހިމަނާފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް މި މަސައްކަތުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނޭ ކަމަށް ވެސް ޖެންޑަރމިނިސްޓްރީން ވިދާޅުވެފައިވެއެވެ.
"އޮފީސްތަކުގައި ގާއިމުކުރާ ޗައިލްޑް ކެއަރ ސްޕޭސްގެ ސަބަބުން ވަޒީފާއަށް ދާ ފަރާތްތަކުގެ ތެރެއިން ކުދިން ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން އެކަނިވެރި މައިން ނުވަތަ ބަފައިން ވަޒީފާއަށް ނުކުތުމުގެ ސަބަބުން ކުދިން ބެލެހެއްޓުމުގައި ކުރިމަތިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ. ޗައިލްޑް ކެއަރ ސްޕޭސްގެ ސަބަބުން ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ވަޒީފާއަދާކުރާ މައިންބަފައިންނަށް ފުރުސަތުލިބިގެންދާނެއެވެ."