އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ. އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތުގެދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކާއި ގައު އެތުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން 71 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ. އޭގެ އިތުރުން ވެސް ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މިމަޝްރޫގައި ހިމެނިފައިވެއެވެ.

މިއީ ސަރުކާރުން 31.08 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ ތަރައްގީގެ މަޝްރޫއެކެވެ.