މިދިޔަ ހަފްތާ ބަންދުގައި އެމްއެންޕީން އއ. ތިން ރަށަކަށް ކުރި ދަތުރު ވަރަށް ކާމިޔާބު ކަމަށް އެޕާޓީން ބުނެފިއެވެ. އެމްއެންޕީން ބުނެފައިވަނީ މިދަތުރުގައި އެޕާޓީގެ ޓީމް ޒިޔާރަތް ކޮށްފައިވަނީ ތޮއްޑުއާއި، އުކުޅަހާއި، ރަސްދުއަށެވެ.
އެ ޓީމުގެ އިސް ބޭފުޅަކަށް ވަޑައިގެންނެވީ އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމެވެ. އޭގެ އިތުރުން ނާއިބު ރައީސުން ކަމަށްވާ މިރްފަތު އިސްމާޢީލް ޝަފީޤް އަދި ނާއިބު ރައީސް ޙުސައިން އިސްމާއީލް ބައިވެރިވެވަޑައިގަތެވެ. މި ދަތުރަކީ ޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށާއި އާ ރަށްތަކަކަށް ޕާޓީ ތަޢާރަފު ކުރުމަށް ބާއްވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.
މިދަތުރުގައި އެ ޕާޓީގެ ޓީމް ފުރަތަމަ ދިޔައީ ތޮއްޑޫއަށެވެ. ތޮއްޑޫގައި ޕާޓީގެ ރައީސް ނާޒިމް ވަނީ ވަނީ އެރަށު ކައުންސިލާއި ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ ރަށުގެ ހާލަތު ބައްލަވާފައެވެ. އަދި ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ރައްޔިތުންގެ މަޖިލީހުގައި އެހީތެރިވެދެއްވެން ހުރި ދާއިރާތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް އެމްއެންޕީން ބުންޏެވެ. މީގެ އިތުރުން ތޮއްޑޫގެ ބައެއް ކްލަބް ޖަމުޢިއްޔާތަކާ ބައްދަލުކުރައްވާ، މިދަތުރުގެ މަގްސަދާއި ޕާޓީގެ ސިޔާސަތުތައް ވަނީ ތަފްސީލުކޮށްދެއްވާފައެވެ. ތޮއްޑޫއިން ބައްދަލުކުރި ކްލަބް ޖަމުޢިއްޔާތަކުގެ ތެރޭގައި މުޅި ރާއްޖެއަށް މަޝްހޫރު ކްލަބްތަކެއް ކަމަށްވާ ތޮއްޑޫ ސޯސަން ކްލަބް އަދި ތޮއްޑޫ ބްރައިޓް ކްލަބް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން، ތޮއްޑޫ އަންހެނުންގެ ވޮލީ ޓީމާއި ރަށުގެ ބޮޑުބެރު ގްރޫޕަކާއި ރަށުގެ ބައެއް ޒުވާންނުން ހިމެނެއެވެ.
އެމްއެންޕީގެ ސެންޓްރަލް ރީޖަންގެ ޓީމުން ވަނީ ތޮއްޑޫއިން ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެ މަސައްކަތުން ތޮއްޑޫއިން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޕާޓީއާ ގުޅިފައި ކަމަށް ވެސް އެޕާޓީން ބުންޏެވެ. އެގޮތުން ތޮއްޑޫ ކުރީގެ ކަތީބު މުޙައްމަދު ނަސީމް ވަނީ އެމްއެންޕީއާ ގުޅިފައެވެ. ނަސީމާއި ޕާޓީއާ އަލަށް ގުޅުނު މެންބަރުންނާއެކު އެމްއެންޕީގެ ހަރަކާތްތައް ތޮއްޑޫ ހިމެނޭ ސެންޓްރަލް ރީޖަންގައި އިތުރަށް ވަރުގަދަވެގެންދާނެކަމުގައި އެ ޕާޓީގެ ނާއިބު ރައީސް މިރްފަތު ވިދާޅުވެފައިވެއެވެ.
ދެވަނައަށް އެ ޓީމުން ޒިޔާރަތްކުރީ އުކުޅަހަށާއި ރަސްދުއަށެވެ. ޕާޓީގެ ރައީސް ނާޒިމް ވަނީ އެ ދެރަށުގެވެސް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ވަނީ ރަށުގެ ތަރައްގީއާ ބެހޭ ގޮތުން ވާހަކަ ދައްކަވައިިފައެވެ. އުކުޅަހާއި ރަސްދޫއަކީ ޓޫރިޒަމް ހަރަކާތްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ދެ ރަށް ކަމަށާއި، ސަރުކާރަށް އެންމެ ގިނަ އަދަދަކުން ޓެކްސް ދައްކާ ރަށްތަކުގެ ތެރޭގައި ދެ ރަށް ހިމެނޭކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް ދެ ރަށުންވެސް ޓެކްސް ދައްކާ މިންވަރާ ބަލާއިރު ދައުލަތުގެ ބަޖެޓު އެކުލަވާލެވިގެން އަންނަ އިރު، އެ ރަށްތަކަށް ކަނޑައެޅިފައިވާ ބަޖެޓުގައި އެކަމަށް ރިއާޔަތްކުރެވިފައި ނެތްކަމަށް ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގެ ދިރާސާކުރުމާއި ބަހުސްގެ މަރުހަލާގައި އެމްއެންޕީގެ ފަރާތުން އެކަންކަމަށް ވަކާލާތުކޮށް ބަޖެޓު ފާސްކުރުމުގައި އެކަންކަމަށް ރިއާޔަތްކުރަން ބާރުއަޅުއްވާނެ ކަމުގައި ޕާޓީގެ ރައީސް ނާޒިމް ވިދާޅުވިއެވެ.