މ. ނިރުފެހިގޭގައި ހިންގަމުންދިޔަ ގަރާޖުގައި، ނޮވެމްބަރު ދިހަވަނަ ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ ދިހަ މީހުންގެ ތެރެއިން 3 މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށް އިންޑިއާއަށް ފޮނުވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި ނިޔާވި 10 މީހުގެ ތެރެއިން 8 މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. އެއީ 5 ފިރިހެނުންނާއި 3 އަންހެނެކެވެ. ބާކީ ދެ މީހުންނަކީ ބަނގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އިތުރު މީހުންގެ ހަށިތައް އެމީހުންގެ އާއިލާތަކަށް ފޮނުވުމުގެެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ދެ ފަންގިފިލާގައި 26 މީހުން އުޅުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަން ހަދާފައިވަނީ ލަކުޑިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަދީފައިވާ ތަނެއް ކަމަށެވެ. އެހެންނަމަވެސް އެތަން ހިންގަމުންދިޔައީ މާލޭގައި ކަމުން އެތަން ހިންގަމުންދިޔައީ ގަވާއިދާ ޚިލާފަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަންކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަލިފާނުގެ އެ ހާދިސާއަކީ ގަސްތުގައި ބަޔަކު ކޮށްފައިވާކަމެއްކަން މިހާތަނަށް ތަހުގީގަށް އެނގިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވި އެކަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.