ދިވެހި ފުލުހުންނަކީ ބާރުގަދަ ބަޔަކަށް ނުވާހާ ހިނދަކު، ބާރުގަދަވާނީ ގޭންގްތައް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ފުލުހުންނަކީ ގާނޫނުން ބާރުލިބިފައިވާ ބައެއް ކަމަށެވެ. އެހެން ކަމުން އެ ބޭރުގެ ބޭނުން ފުުލުހުން ހިފަންޖެހޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ބާރު ދަށްވެ ގޭންގު ތަކުގެ ބާރު ހިނގާހާ ހިނދަކު ކުށްކުރާ މީހުން ކުރާ ކުށެއް ވެސް ސާބިތެއްނުކުރެވޭނޭ ކަމަށެވެ. އޭގެ އިތުން ހެކިންނަށް ހެކިބަސްދޭން ވެސް ނުކެރޭނޭ ކަމަށް ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވީ ޓަރމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލައިފައިވާ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލިކަން އެކަމުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރުމުންނެވެ. އޭނާ މަރާލައިފައިވަނީ 2017 ވަނަ އަހަރުއެވެ.

އެނގިފައިވާ ގޮތުގައި ކޯޓުން މިގޮތަށް ނިންމަން ޖެހުނީ އެކަށީގެންވާ ހެކިނެތުމުންނެވެ. ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް މީގެ ކުރީން ހެކިބަސް ދީފައިވާ ބައެއް މީހުންވަނީ އެ ހެކިބަސް އަނބުރާ ގެންގޮސްފައެވެ. ބައެއް ހެކިވެރިން ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރި ވެސް ވެފައެވެ. އުމަރު ވިދާޅުވީ މިއީ ފުލުހުންނަށްވުރެ ގޭންގުތަކުގެ ބާރުގަދަވުމުން ދިމާވާ ކަމެއް ކަމަށެވެ.

އުމަރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ. ވެރިކަން ލިބިވަޑައިގެންފި ކަމަށްވާނަމަ ގޭންގުތަކުގެ ބޭރު ކަނޑުވައި ފުލުހުންނަކީ ވަރުގަދަ އަރަކާއި ބާރަކާއެކު ހަރަކާތްތެރިވާނޭ ބަޔަކަށް ހައްދަވާނޭ ކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.