ފާއިތުވި 4 އަަހަރު ފުލުހުން އެންމެ އިސްކަންދިން ކަންކަމުގެ ތެެރޭގައި މަސްތުވާތަކެތި ހުއްޓުވުމުގެ މަސައްކަތް ހިމެނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ( މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އޭނާ މިއަދު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 562 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 11955 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުވެސް އެންމެ އިސްކަންދެއްވާނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށައި އެ ބޭނުން ކުރުން ހުއްޓުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގްރޭޓަރ މާލޭ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވުމަށް ހިންގާ ތަންތަން އަދިވެސް އެބަހުރި ކަމަށާއި އެކަމް ހުއްޓުވުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ވަރުގަދަކޮށް ފުޅާކުރުމަށް ފުލުހުންގެ ޚިދުމަތަށް 4201 މީހަކު ތަމްރީންކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަށް 984 މީހުން އިތުރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން 613 މީހުންނަކީ ޔުނީފޯމް އަޅާ މުވައްޒަފުން ކަމަށް ވިދާޅުވިއެވެ. ފުލުހުންގެ ޚިދުމަތާ ގުޅޭ އަންހެނުން މަދުވެފައިވާ މިދަނޑިވަޅުގައި އެ 613 މީހުންގެ ތެރެއިން 27 ޕަސެންޓަކީ އަންހެނުން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ރަނގަޅު ކުރުމަށް ފުލުހުންނަށް ތަމްރީން ދިނުމަކީ އެންމެ އިސްކަމް ދެއްވާ އެއްކަންތައް ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ފުލުހުންގެ ތެރެއިން ތަހުގީގު ކުރުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ އެންމެނަކީ އެންމެ ދަށް ވެގެން ޑިޕްލޮމާ ފާހެއް އޮންނަ މީހަކަށް ހެދުމަށް މަސައްކަތް ފަށްޓަވާނޭ ކަމަށް ވިދާޅުވިއެވެ.